ދުނިޔެ

ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ހިލަރީ ނިންމަވައިފި

Mar 6, 2019

ވޮޝިންގްޓަން (މާޗް 6) - އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް ހިލަރީ ކްލިންޓަން އިއުލާނު ކުރައްވައިފި އެވެ.

"އަޅުގަނޑު ވާދައެއް ނުކުރާނަން، އެކަމަކު އަޅުގަނޑު ގަބޫލުކުރާ ކަންތައްތަކަށް މަސައްކަތްކޮށް، އިސްވެ ތެދުވެ ވާހަކަ ދެއްކުމުގައި ދެމި ހުންނާނަން،" އެމެރިކާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ކެންޑިޑެޓުގެ ގޮތުގައި، ރިޕަބްލިކަން ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕާއި ވާދަކުރައްވައި، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އެމެރިކާގެ ފުރަތަމަ އަންހެން ރައީސަކަށް ހިލަރީ ވަޑައިގަންނަވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. ނަމަވެސް، ގިނަ ބަޔަކު ހައިރާންކޮށްލައި، އެ އިންތިހާބު ޓްރަމްޕް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެއީ ރައީސްކަން ކުރުމުގެ ހުވަފެން ހިލަރީ އަށް ނާކާމިޔާބުވެވަޑައިގެން ދެވަނަ ފަހަރެވެ.

ނަމަވެސް، ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން، ހިލަރީ ވެގެން ދިޔައީ އެމެރިކާގެ މައި ޕާޓީއަކުން ނެރުނު ފުރަތަމަ ރިޔާސީ ކެންޑިޑޭޓަށެވެ.