ދުނިޔެ

ޓްރަމްޕް-ރަޝިއާ ރިޕޯޓް އޭޕްރީލްގައި އާންމުކުރަނީ

Mar 30, 2019

ވޮޝިންގްޓަން (މާޗް 30) - އެމެރިކާގެ ރައީސްކަމަށް 2016 އިންތިހާބުވުމުގެ ކުރިން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިންގައި ރަޝިއާގެ ނުފޫޒު އޮތް ކަމަށް ކުރެވުނު ތުހުމަތުތަކުގެ މައްޗަށް ކުރި ތަހުގީގު ރިޕޯޓު އަންނަ މަހު އާންމުކުރަން ނިންމައިފި އެވެ.

ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައީ) ކުރީގެ ވެރިޔާ ރޮބަޓް މަލާ އިސްވެ ކުރެއްވި ތަހުގީގުގައި، ޓްރަމްޕް އިންތިހާބު ކާމިޔާބުކުރުމުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި، ރަޝިއާ އާއި ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ވަނީ ބަލައިފަ އެވެ.

އެ ރިޕޯޓުގެ މައްޗަށް އެޓާނީ ޖެނެރަލް ވިލިއަމް ބާ ތައްޔާރުކޮށް ކޮންގްރެސްއަށް ފޮނުއްވާފައިވާ ހުލާސާގައި ބުނެފައިވަނީ ރަޝިއާގެ ނުފޫޒު ބޭނުންނުކުރުމުގެ އިތުރުން ޓްރަމްޕް އިސްވެ އިންސާފަށް ހުރަސްއެޅުއްވި ކަމުގެ ސާފު ހެކި ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް، މަލާގެ 400 ގަނޑުގެ ދިގު ރިޕޯޓުން އުނި ކުރަންޖެހޭ ބައިތައް އުނުނިކުރުމުގެ މަސައްކަތް ނިންމައި، އަންނަ މަހުގެ މެދެއްހާތާ އާންމުކުރެވޭނެ ކަމަށް ބާ ވަނީ ވިދާޅުވެފަ އެވެ.

އެޓާނީ ޖެނެރަލްގެ ހުލާސާ ސިޓީއާ ގުޅިގެން، އިދިކޮޅު ޑިމޮކްރެޓުން ދަނީ މަލާގެ ރިޕޯޓް އާންމުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް، ބާ ކުރިން ވިދާޅުވެފައިވަނީ، އެ ރިޕޯޓު ގާނޫނު ހަދާ މަޖިލީހާއި ހިއްސާކުރެވޭނީ، އޭގައި ހިމެނޭ ބައެއް މައުލޫމާތުތައް އުނިކޮށްފައި ކަމަށެވެ.

ބާ އިތުރަށް ވިދާޅުވީ، އެ ރިޕޯޓު އާންމުކުރުމުގެ ކުރިން އޭގެ ކޮޕީއެއް ރައީސް ޓްރަމްޕާއި ހިއްސާ ނުކުރައްވާނެކަމަށެވެ.

އެ ތަހުގީގުގެ ދަށުން، ޓްރަމްޕްގެ އަރިސް ބޭފުޅުންތަކަކަށް މިހާރުވެސް ދައުވާކޮށް ޖަލަށްލާފައިވާއިރު، މަލާގެ އެ ރިޕޯޓުގައި އިތުރު ބަޔަކަށް ދައުވާކުރަން ހުށަހަޅައިފާނުވާކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ސައިބާ ހަމަލާތަކެއް ދީގެން، ދޮގު ހަބަރު ފަތުރައިގެން އިންތިހާބުގައި ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އަގު ވައްޓާލައި، ޓްރަމްޕަށް ފުރުސަތު ތަނަވަސްކުރަން ރަޝިއާ އިން މަސައްކަތްކޮށްފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން 2016 ވަނަ އަހަރު ވަނީ ނިންމައިފަ އެވެ.