އެމެރިކާގެ ރިޔާސީ އިންތިހާބު 2016

ހިލަރީގެ އުންމީދީ މެސެޖް ތަކެއް! ޓްރަމްޕްގެ އިންޒާރު ތަކެއް!

Nov 8, 2016
8

އެމެރިކާގެ ރިޔާސީ އިންތިހާބު ފޯރިގަދަ ކެމްޕޭނަކަށްފަހު އިއްޔެ ވަނީ ނިންމާލާފަ އެވެ. ވާދަވެރި ބަހުސްތަކާއި ދެ ކެނޑިޑޭޓުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވި ހޫނު ރައްދުތަކާއެކު ދުނިޔޭގެ އެންމެ ބޮޑު އެއް ޑިމޮކްރަސީ އެމެރިކާ އެވަނީ އެ ގައުމުގެ 58 ވަނަ ރިޔާސީ އިންތިހާބުގެ ވޯޓް ނަގަން ފަށާފަ އެވެ.

އިންތިހާބުގައި ދެ ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އޮތް ކަމަށް ވިޔަސް އިންތިހާބުގައި ތިން ކެނޑިޑޭޓުން ވާދަ ކުރާކަން ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެނގެންޖެހެއެވެ. ދުނިޔޭގެ އިތުރުން ރާއްޖޭގެ މެއިންސްޓްރީމް މީޑިއާ ތަކުން ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތައް ދެއްކިނަމަވެސް ލިބަޓޭރިއަން ޕާޓީން ވަދަ ކުރާ ކެނޑިޑޭޓް ގެރީ ޖޯންސަންވެސް ވާދަ ކުރާކަން ހާމަކޮށްދެންޖެހެއެވެ. ޖޯންސަންގެ ވާހަކަ ދައްކަން ޖެހޭ އެއް ސަބަބަކީ މިއިންތިހާބަކީ އެމެރިކާގައި މިހާތަނަށް އެންމެ ގިނައިން ތިން ވަނަ ކެނޑިޑޭޓަށް ވޯޓް ލިބޭނެ އިންތިހާބަށް ވާނެކަމެވެ. ހީކުރި ވަރަށް ވުރެ ބޮޑަށް އެމެރިކާގެ ރައްޔިތުން ވަނީ ބޮޑު ދެ ޕާޓީ ދެކެ ފޫހިވެފައެވެ. ހުދު މިހާރުގެ ރައީސް ބަރަކު އޮބާމާވެސް ވަނީ ތިން ވަނަ ކެނޑިޑޭޓަށް ގިނަ އަދަދަކަށް ވޯޓް ލިބިދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ތިން ވަނަ ކެނޑީޑޭޓަށް ވޯޓް ދިނުމަކީ އިދިކޮޅު ކެނޑިޑޭޓް (ޓްރަމްޕް) ހޮވުމަށް ދެވޭ ވޯޓެއް،" އޮބާމާ ވިދާޅުވިއެވެ.

ހިލަރީގެ ކެމްޕޭން އޭނާ ނިންމާލެއްވީ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންނަށާއި އެމެރިކާގެ ރައްޔިތުންނަށް އުފާވެރި މެސެޖްތަކެއް ދެމުންނެވެ. ފިޑެލްފިއާގައި ކުރިއަށް ގެންދިޔަ ވަދާއީ ކެމްޕޭންގެ ބޮޑު ރަސްމިއްޔާތަކީ ފާއިތުވެދިޔަ 19 މަސް ދުވަސްތެރޭގައި ހިލަރީއަށް އެންމެ ގިނަ ސަޕޯޓަރުން އެއްކުރެވުނު ރަސްމިއްޔާތެވެ. ހިލަރީ ވަނީ އޭނާއަކީ އެމެރިކާގެ "މިނިވަންކަމާއި ހަމަހަމަ ކަން ހިމާޔަތް ކޮށްދޭނެ" ލީޑަރު ކަމަށް އަމިއްލަފުޅަށް ސިފަ ކުރައްވާފައެވެ.

"މާދަމާ (މިއަދު) އަހަރެމެން މި ކުރިމަތިލަނީ އަހަރެމެންގެ އިމްތިހާނާ ކޮންކަމަކަށްތޯ އަހަރެމެން ވޯޓް ލާނީ ހަމައެކަނި (ވަކި ކެނޑިޑޭޓަކާ) ދެކޮޅުވެގެނެއް ނޫން ވޯޓް ދޭނީކީ "ހައްލުކަުރަންޖެހޭ މައްސަލަތައް ހައްލު ކުރުމަށް ވޯޓް ދެއްވާނީ" ހިލަރީ ވިދާޅުވިއެވެ.

ހިލަރީ އޭނާގެ ވާހަކަ ނިންމަވަލައްވަމުން ވިދާޅުވީ "އެމެރިކާއަށް އަންހެން ރައީސް އަކު ގެނައުމަކީ އެމެރިކާގެ ރައްޔިތުންގެ އުންމީދެއް" ކަމަށާއި "އެތާރީހް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމާ."

ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭން އެމެރިކާގެ ހަ ސްޓޭޓެއްގައި ކުރިއަށް ގެންގޮސްފައެވެ. ނިއު ހެމޮސްފިއާގައި ކުރިއަށް ގެންދިޔަ ކެމްޕޭންގައި ޓްރަމްޕް ވަނީ އޭނާގެ ވާހަކަތައް ބަދަލު ކުރުމަށް މީޑިއާއިން މަސައްކަތް ކުރިކަމަށް ވިދާޅުުވެފައެވެ. އަދި "ވޮށިޓަނުން އުފެއްދި ކޮރަޕްޝަން" ކަމަށް ވިދާޅުވެ ހިލަރީއަށް ފާޑު ވިދާޅުވިއެވެ.

އެމީހުންގެ އޮތީ "ހަޑި ހަޑި ނިޒާމެއް" މިހާރު އޮތީ އެކަން ބަދަލު ކުރުން އެމެރިކާގެ އަތުގައި އެކަމަށް އިންސާފު ހޯދައިދިނުން އޮތީ އަހަރެމެން އަތުގައި އަހަރެމެންނަށް އެކަން ކުރުން ހައްގުވޭ އެކަން ކުރެވޭނީީ ވޯޓް ފޮށީގެ ނަތީޖާ ތަކުން." ޑިމޮކްރެޓިކް ޕާޓީ އަށާއި އޮބާމާގެ ވެރިކަމަށް ފާޑު ވިދާޅުވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"އެމީހުން އެބަ ބުނޭ ގިނަ އަދަދަކަށް ގައުމު އަރަނިވެރިކޮށްދޭނަމޭ، އަހަރެމެން ބުނަނީ ނޫނެކޭ ނޫން ނޫން އަހަރެމެން ނުހޮވިއްޖެނަ އެއްވެސް އަރަނިވެރިކަމެއް ބޭނުމެއްނޫން"