އެމެރިކާގެ ރިޔާސީ އިންތިހާބު 2016

ޓްރަމްޕްގެ ކެމްޕޭނަށްވުރެ ހިލަރީގެ ކެމްޕޭން ދެގުނަ ހަރަދު ބޮޑު

Aug 21, 2016
1

އަންނަ ނޮވްމެބަރު މަހު އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރަމުންގެންދާ ކެމްޕޭންގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭންގެ ހަރަދަށް ވުރެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންގެ ކެމްޕޭން ހަރަދު ބޮޑު ކަމަށް އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ނިއުޔޯކްގެ މަހުޖަނެއް ކަމަށްވާ ޓްރަމްޕް ވަނީ މިދިޔަ މަހު އޭނާގެ ކެމްޕޭނަށް ކުރާ ހޭދަ އިތުރު ކޮށްފަ އެވެ. ނަމަވެސް އޭނާގެ ކެމްޕޭން ހަރަދު ހިލަރީއަށް ވުރެ ދެ ގުނަ ކުޑަ އެވެ. މިދިޔަ ހަފުތާއިގައި ޓްރަމްޕްގެ ކެމްޕޭނަށް ދެ މިލިއަން ޑޮލަރު އިތުރު ކުރެއްވި އެވެ.

މިދިޔަ މަހުގެ މަލީ ހިސާބުތައް ބުނާ ގޮތުން ޓްރަމްޕްގެ ކެމްޕޭނަަށް ހޭދަ ކުރައްވާފައިވަނީ 18.5 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) އެވެ. ވާދަވެރި ކެނޑިޑޭޓް ހިލަރީ ވަނީ ޓްރަމްޕަށްވުރެ ދެ ގުނަ ހޭދަކުރައްވާފަ އެވެ. އެގޮތުން މިދިޔަ މަހު ހިލަރީ ވަނީ 35 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހޭދަ ކުރައްވާފަ އެވެ.

މިހާތަނަށް ކެމްޕޭންނަށް އެއްކުރެއްވި ފަންޑަށް ބާލާއިރު ހިލަރީ ވަނީ ޓްރަމްޕަށްވުރެ ބޮޑު އަދަދެއް ޖަމާ ކުރައްވާފައެވެ. ހިލަރީގެ މުޅި ކެމްޕޭނަށް އާންމުންގެ އަތުން އެއް ކުރެއްވި ފަންޑުގެ ޖުމުލަ އަދަދަކީ 52 މިލިއަން ޑޮލަރު (7.9 ބިލިއަން ރުފިޔާ) އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 37 މިލިއަން ޑޮލަރު (5.6 ބިލިއަން ރުފިޔާ) އެވެ.

ކެމްޕޭންގެ ފޯރިގަދަ ބުރުތައް ކައިރިވަމުން އަންނަ އިރު ޓްރަމްޕް ދަނީ އޭނާގެ ކެމްޕޭނަށް ކުރަމުންދާ ހަރަދު އިތުރު ކުރަމުންނެވެ. އެގޮތުން މިހަފުތާގެ ޓީވީ އިސްތިހާރުތަކަށް އެކަނިވެސް ފަސް މިލިއަން ޑޮލަރު ޓްރަމްޕް ވަނީ ހޭދަކޮށްފައެވެ. ހިލަރީގެ ޓީވީ އިސްތިހާރުތަކަށް ހަރަދު ކުރައްވަނީ މަހަކު އެއްފަހަރުއެވެ.

މިދިޔަ މަހު ޓްރަމްޕް ވަނީ އޭނާގެ ކެމްޕޭންނަށް ލަފާ ހޯދަން އާ ކޮންސަލްޓެންސީ ކުންފުންޏެއް އިހްތިޔާރުކޮށްފައެވެ. މިގޮތުން ޖުލައި މަހު ފަހު ކޮޅު ޓްރަމްޕް ވަނީ އެކުންފުންޏަށް އެއް ލައްކަ ޑޮލަރު ޖަމާކޮށްފައެވެ. ޖުަލައި މަހު އެމެރިކާ ބިލިއަނަރު ރޮބަޓް މޭސާ ވަނީ ޓްރަމްޕްގެ ކެމްޕޭން ހަރަކާތްތަކަށް ދެ މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.