ދުނިޔެ

ޖަލަށް ދާން ޖެހުނީ ޓްރަމްޕްގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން: ކުރީގެ ވަކީލު

Dec 13, 2018

ވޮޝިންގްޓަން (ޑިސެމްބަރު 13) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލް މައިކަލް ކޯއެން ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރުމާ ގުޅިގެން، އޭނާގެ ބޮޑެތި ފާޑުކިޔުންތައް ޓްރަމްޕަށް އަމާޒުކޮށްފި އެވެ.

ކޯއެން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ، ޓްރަމްޕާއެކު ނާޖާއިޒު ގުޅުން އޮތް ދެ އަންހެނަކަށް، އެ ވާހަކަ ނުދެއްކުމަށް ފައިސާ ދިން މައްސަލައިގަ އެވެ.

އޭނާއަކީ އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒް ފޯރުވި މައްސަލައިގައި ޓްރަމްޕުގެ އެންމެ އަރިސް މީހުންގެ ތެރޭން ޖަލަށްލި ފުރަތަމަ މީހާ އެވެ.

ކެމްޕޭން ފައިސާ ގަވާއިދާ ހިލާފަށް ބޭނުން ކުރުމުގެ އިތުރުން، ޓެކްސްއަށް މަކަރު ހެދުމާ އަދި ކޮންގްރެސް އަށް ދޮގު ހެދުމުގެ ދައުވާ ވެސް ކޯއެންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

ކޯޓުގައި ވާހަކަ ދައްކަމުން، ކޯއެން 52، ބުނީ އޭނާ ކުރި ކުށްތަކުގެ ފުރިހަމަ ޒިންމާ ޓްރަމްޕް ނަންގަވަންޖެހޭނެ ކަމަށާއި، އޭނާއަށް ގޯސްކޮށް ކުރެވުނު ކަމަކީ ޓްރަމްޕަށް ވަފާތެރިވުން ކަމަށެވެ.

އަދި "އަނދިރި މަގަކުން" ހިނގަން މަޖުބޫރުވީ ޓްރަމްޕްގެ ސަބަބުން ކަމުގައި ކޯއެން ވަނީ ބުނެފަ އެވެ.

ޖަލު ހުކުމުގެ އިތުރުން ކޯއެން ވަނީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.