ދުނިޔެ

އޮބާމާއަށާއި ހިލަރީއަށް ބަޔަކު ބޮންތަކެއް ފޮނުވައިފި

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންނަށް އަމާޒުކޮށް ބަޔަކު ފޮނުވި ގޮވާތަކެތީގެ ޕެކޭޖްތަކެއް އެގައުމުގެ ފުލުހުން އަތުލައިގަނެފިއެވެ. އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ ފުލުހުން އަތުލައިގަތް ފަސް ޕެކޭޖްގެ ތެރޭގައި އެގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަނަށް އެޑްރެސްކޮށްފައިވާ ޕެކޭޖްތައް ހިމެނޭ ކަމަށެެވެ.

އެމެރިކާގައި މިފަދަ ހާދިސާތަކެއް ހިނގާފައި މިވަނީ އެގައުމުގެ ޕާލަމެންޓްގެ ދެ ގޭގެ އިންތިހާބުގެ ކެމްޕޭން ކުރިއަށްދާ ވަގުތެއްގައެވެ. ޕާލަމެންޓްގެ ދެ ގޭގައި ވެސް މިހާރު އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށެވެ.

ގޮވާތކެތި އަޅާފައިވާ ޕެކޭޖްތައް ޑިމޮކްރެޓިކް ޕާޓީގެ ވެރިންގެ އިތުރުން އެޕާޓީއަށް ތާއީދުކުރާ ނިއުސް އެޖެންސީ ސީއެންއެންއަށް ވެސް އަމާޒުކުރިއެވެ. ގޮވާތަކެތި އަޅާފައިވާ ޕެކޭޖްތައް އަތުލައިގަނެވުނީ ސިޓީ އާއި ޕާރުސަލްތަކެތީގައި ގޮވާއެއްޗެއް އޮވެދާނެތީ ގަވައިދުން ބަލާ ބެލުމުގެ ތެރެއިން ބުދަދުވަހު ކުރި މަސައްކަތެއްގައެވެ.

ގޮވާތަކެތި އަޅާފައިވާ ހުރިހާ ޕެކޭޖެއް ވެސް އެމެރިކާ ފުލުހުން ވަނީ އެތަކެތި އަމާޒުކުރި ފަރާތްތަކާ ހަމައަށް ވާސިލުވުމުގެ ކުރިން ހުއްޓުވާފައެވެ. އަދި އެތަކެތީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ އިސް ބޭފުޅުންގެ ސަލާމަތީ ކަންތައްތައް ބަލަަހައްޓާ ސީކްރެޓް ސާވިސް އިން ބުނީ ހިލަރީއަށް އަމާޒުކޮށް ފޮނުވި ޕެކޭޖް ފެނުނީ މެންހަޓަން ޖަޒީރާގެ އުތުރު ސަރަހައްދުންކަަމަށެވެ. އަދި ބުނީ އޮބާމާއަށް އަމާޒުކުރި ޕެކޭޖް ފެނުނީ ވެރިރަށް ވޮޝިންޓަންޑީސީ އިން ކަމަށެވެ.

ގޮވާތަކެތި ފޮނުވި މައްސަލަ ތަހުގީގުކޮށް އެކަން ކުރި ބަަޔަކު އިންސާފުގެ ކުރިމަައްޗަށް ގެންނާނެކަމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.