ދުނިޔެ

އެމެރިކާ އިންތިހާބު މައްސަލާގައި ރަޝިޔާ ދިފާއުކުރެއްވުމުން ޓްރަމްޕަށް ފާޑުކިޔުން

Jul 17, 2018

ހެލްސިންކީ (ޖުލައި 16) - އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒުފޯރުވިކަމަށް ކުރެވޭ ތުހުމަތައް ރައީސް ޑޮނަލްޑު ޓްރަމްޕް ދިފާއުކުރެއްވުމުން، އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ފިންލަންޑުގެ ވެރިރަށް ހެލްސިންކީގައި ރަޝިޔާގެ ރައީސް ވުލަޑީމީރު ޕުޓިން އާއެކު ޓްރަމްޕް ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ބޭއްވުނު އިންތިހާބަށް ރަޝިޔާ އިން ނުފޫޒުފޯރުވާނެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމަށްފަހު، ޕުޓިން ވެސް ވަނީ އެ ތުހުމަތުތަކަށް އަނެއްކާވެސް އިންކާރު ކުރައްވާފަ އެވެ. އަދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ރަޝިޔާގެ އޮފިޝަލުންނާއި ސުވާލުކޮށް ތަހުގީގު ކުރުމަށް ވެސް ޕުޓިން ވަނީ ދައުވަތު ދެއްވާފަ އެވެ.

ދެ ރައީސުންގެ ތާރީހީ ބައްދަލުވުން ބޭއްވެފައިވަނީ 2016 ވަނަ އެމެރިކާގެ ރިޔާސީ އިންތިހާބު ހެކު ކުރިކަމުގެ ތުހުމަތުގައި އެމެރިކާއިން 12 ރަޝިޔާ ރައްޔިތުންނަށް ހުކުމްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް، އެ ބައްދަލުވުމަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ތުހުމަތުތަކާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް ވަނީ ޕުޓިންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.

"ރައީސް ޕުޓިން އެ ވިދާޅުވަނީ ރަޝިޔާ އެއް ނޫން ކަމަށް. އެހެން ވީމަ އަޅުގަނޑަކަށް ވެސް ނުފެނޭ އެނޫންގޮތަކަށް އެކަން ވާންޖެހޭނެ ސަބަބެއް،" އަމިއްލަ ގައުމުގެ އިންޓެލިޖަންސް ރިޕޯޓުތަކަށް ވުރެ ޕުޓިން ވިދާޅުވާ ވާހަކަ ގަބޫލުކުރައްވަނީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އެމެރިކާ އާއި ރަޝިޔާ އާދެމެދު އޮންނަ ގުޅުން ގޯސްވެފައިވަނީ ރަޝިޔާގެ އަމަލުތަކުގެ ސަބަބުން ނޫން ކަމަށާއި އެކެރިކާގެ ކުރީގެ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެމެރިކާގެ އިންޓެލިޖަންސް ރިޕޯޓުތައް ބުނާ ގޮތުން، 2016 ވަނަ ބޭއްވި އިންތިހާބުގައި ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަނާއި ދެކޮޅަށް ރަޝިޔާ ހެކަރުންތަކެއް ވަނީ ސޯޝަލް މީޑިއާގައި ދޮގު ހަބަރުތަކެއް ފެތުރުމުގެ އިތުރުން، ސީދާ ހިލަރީގެ ކެމްޕެއިނަށް ގެއްލުން ދިނުމުގެ އެތަކެއް މަސައްކަތްތަކެއް ކޮށްފަ އެވެ.

އިންތިހާބު ހެކުކުރި މައްސަލާގައި، މި ބައްދަލުވުން ކެންސަލް ކުރުމަށްވެސް ޓްރަމްޕަށް ވަނީ އެތަކެއް ސިޔާސީ ބޭފުޅުންނެއް ގޮވާލައްވާފަ އެވެ.

ރަޝިޔާ އިން އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ ހެކި ލިބިފައިވީ ނަމަވެސް، ޓްރަމްޕް ރަޝިޔާ ދިފާއުކުރެއްވުމުން، އެމެރިކާގެ އިދިކޮޅު ފަރާތްތަކާއި، ސެނެޓުގެ އިސްބޭފުޅުން ގެންދަވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.