ހަބަރު

އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ، ފުރާނައާމެދު ބިރުގަނޭ: މޮހޯ

އެމްއެމްޕީއާރްސީގެ ފައިސާ ޓްރާންސްފާކޮށްދީގެން ކޮމިޝަނެއް ލިބުނު ކަމަށް އެ މައްސަލައާ ގުޅިގެން ހޯދަމުންދާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) ބުނެފި އެވެ. އޭނާ މިހެން ބުނެފައިވަނީ ސްކައިޕް މެދުވެރިކޮށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލަށް ދިން އިންޓަވިއުއެއްގަ އެވެ.

ރެޑް ނޯޓިސް ނެރެ ހޯދަމުންދާ 26 އަހަރުގެ މޮހޯ ދިރިއުޅެމުންދަނީ، ޖިފުޓި ގަނޑެއްގައި ބިރުވެރިކަމާއެކު ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އަދި ތުނބުޅި އާއި މަތިމަސް ނުބަލާ އެ ޖިފުޓީގައި މޮހޯ ދިރިއުޅެމުންދަނީ އޭނާގެ ހަގު އަތްނބާއި އެއް އަހަރުގެ ފިރިހެން ދަރިފުޅާއެކު ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އޭނާ ދިރިއުޅޭ ގައުމު ސިއްރުކޮށް ބުނެފައި ވަނީ އޭނާ ހުރީ ޔޫރަޕްގައި ކަމަށެވެ.

ސަރުކާރު ޕްރޮމޯޓްކުރުމަށް ހަޔާކުރި، ޝެރީ ބްލެއާގެ އޮމްނިއާ ފާމްއަށް ފޮނުވި 210,000 ފައުންޑަކީ ކިހިނެއް ހޯދާފައިވާ ފައިސާއެއް ކަމެއް އެ ފައިސާ ޓްރާންސްފާކުރިއިރު ނޭނގޭ ކަމަށާއި މިހާރު އެއީ ވައްކަންކޮށްގެން ހޯދި ފައިސާތަކެއްކަން އެނގިފައިވާ ކަމަށެވެ.

"އަހަންނަށް އެ ފައިސާތަކުގެ ހަގީގަތެއް ނޭނގޭ، އެކަމަކު ރާއްޖޭގައި ހިނގާދިޔަ ހާދިސާތަކުގެ ސަބަބުން މިހާރު އަހަރެންނަށް އެނގޭ އެއީ ވަގަށް ނަގާފައިވާ ފައިސާކަން، އެކަން މިހާރު ސަރުކާރަށް ވެސް އެނގޭ،" މޮހޯ ބުންޏެވެ.

ޑެއިލީ މެއިލަށް ދިން އިންޓަވިއުގައި މޮހޯ ބުނެފައިވަނީ އޭނާއަކީ މައުސޫމް މީހެއް ކަމަށެވެ. ބޮޑު ހިޔާނާތުގައި އޭނާ ބައިވެރިނުވާ ކަމަށެވެ. މޮހޯ ބުނީ، އޭނާ ބޭނުންކޮށްފައިވަނީ، ބްރޯކަރެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ތެރެއަށް އޭނާ ވެއްދީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. އަދި ހުރިހާ ހިޔާނާތެއް ވެސް ހިނގާދިޔައީ ސަރުކާރުގެ އިސްވެރިންނަށް އެނގި ތިބެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވަނީ އެސްއޯއެފް ކުންފުންޏަށެެވެ. އެއީ މޮހޯގެ ކުންފުންޏެކެވެ. އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ ޑޮލަރު ގަތުމަށް ދޭ ފައިސާގެ ނަމުގަ އާއި ލޯނުގެ ގޮތުގަ އާއި ވަކި ކަމެއް ސާފު ނުވާ ކަންތައްތަކުގެ ގޮތުގަ އެވެ. އެ ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީއަށް ދީފައި ހުރި ޗެކްތަކުގެ ފަހަތުގައި އެ ކުންފުނިގެ އެމްޑީ އަބްދުﷲ ޒިޔަތު ސޮއިކޮށް އެންޑޯޒްކޮށްގެންނެވެ.

"އަހަރެން ބޭނުންކުރީ ފައިސާ ފޮނުވާ ބްރޯކަރެއްގެ ގޮތުގައި، އަހަރެން މީގެ ތެރޭގައި ގެންގުޅުނީ ޒިންމާ މީހެއްގެ ބޮލުގައި އަޅުވަންޖެހޭތީ، ސަރުކާރުގެ އިސްވެރިން ކަންކޮށްފައި ޒިންމާ އަޅުވާފައިވަނީ އަހަރެންގެ ބޮލުގައި، މިހާރު ސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއް،" މޮހޯ ބުންޏެވެ.

"އަހަރެންނާ އަދީބު ބައްދަލުކުރީ، 2014 ވަނަ އަހަރު، ރައީސް ޔާމީންގެ ފަރާތުން އަދީބު އަހަރެންނާ ބައްދަލުކުރީ، އަދީބު އެދުނީ ބްރޯކަރަކަށްވުމަށް، އެއީ އަހަރެންގެ ކޮމްޕެނީ މެދުވެރިކޮށް ބައެއް ފަންޑްސްތައް މެނޭޖްކުރަން،"

މޮހޯ އިތުރަށް ބުނީ، އޭނާގެ ކޮމްޕެނީ މެދުވެރިކޮށް ގިނަ ފައިސާތަކެއް އެކި މީހުންނަށް ޓްރާންސްފާކޮށްފައިވާއިރު، ބޮޑެތި މީހުން ބުނީމާ އެގޮތަށް ކަންތައްތައް ކުރުން ނޫން ގޮތެއް ނޯންނަ ކަމަށެވެ. އަދި އެމީހުން ކައިރިން ތަފްސީލަށް އެދިފިނަމަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް ވެސް ބުންޏެވެ. މޮހޯ މިސާލަކަށް ނެގީ އަލް ޗަޕޯ އެވެ. އަލް ޗަޕޯ ބުނެފިނަމަ ކޮންމެ މީހަކު ކޮންމެ ކަމެއް ވެސް ސުވާލެއް ނެތި ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް އެކަންކަމުގެ ތަފްސީލެއް ނޭނގޭ، ސުވާލުކުރުމަކީ ރާއްޖޭގައި އޮންނަ ސަގާފަތެއް ނޫން، އެހެންވެ އަހަރެން ފައިސާތަކުގެ ތަފްސީލެއް ނާހަން، ރާއްޖޭގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަލް ޗަޕޯ ފަދަ ބައެއް، އެކަމަކު ވެސް ދެތިން ފަހަރަކު އަހަރެން އަހާލިން ފައިސާތަކުގެ ތަފްސީލު، އެމީހުން ބުނީ އެއީ ޕީޕީއެމް ފަންޑްގެ ފައިސާ ކަމަށް،" މޮހޯ ބުންޏެވެ.

ފައިސާތައް ޓްރާސްފާކޮށްދީގެން އޭނާއަށް "ބްރޯކާ ފީ"ގެ ގޮތުގައި ކޮމިޝަނެއް ލިބިފައިވާ ކަމަށް އޭނާ އިއުތިރާފުވެ އެވެ. އެގޮތުން އޭނާއަށް ލިބިފައިވަނީ ގާތްގަނޑަކަށް 300 ޕައުންޑް ކަމަށް ވެސް ބުނެފައިވެ އެވެ.

"ޝެރީ ބްލެއާއަށް ފައިސާ ފޮނުވަން އަހަރެން ކައިރީގައި ބުނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު، އެއީ އީދު ދުވަސް، ބޭންކްތައް ހުރީ ބަންދުކޮށްފައި، އިންޓަނޭޝަނަލް ޓްރާންސްފާއެއް ކޮށްދޭން ބޭންކްތައް އެ ދުވަހު ދެކޮޅު ހެދި، ދެން ރާއްޖޭގައި އެމްސީ މޯލްޑިވްސްގެ ނަމުގައި ތަށިމުށީގެ ވިޔަފާރިކުރަމުންދާ އަބްދުﷲ ރަފީއު ކިޔާ މީހެއްގެ އެކައުންޓަށް 210،000 ޕައުންޑް އަދީބު ވިދާޅުވެގެން ޓްރާނސްފާކޮށްދިނިން،" މޮހޯ ބުންޏެވެ.

"އަހަރެންގެ ގެއާއި އޮފީސް ބަލާ ފާސްކުރިއިރު އަހަރެން ހުރީ ޗުއްޓީއަކަށް އައިސް، ޕޮލިހުން އަހަރެންގެ ހުރިހާ ކޮމްޕިއުޓާސް އާއި އޭގެ ހާޑް ޑްރައިވާސްތައް ވެސް ގެންދިޔަ، އަހަރެން ގަބޫލުކުރާ ގޮތުގައި ޕޮލިހުން ބޭނުންވަނީ އަސްލު ކަންތައްތައް ހިނގާދިޔަ ގޮތް ފޮރުވަން، އޭގެން އެނގޭނެ އަހަރެން މައުސޫމްކަން، ނަމަވެސް އެ އެއްޗެހިން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ރައީސް ޔާމީންގެ އަތެއްވާކަން ވެސް އެނގިގެންދާނެ،"

މޮހޯ އިތުރަށް ބުނީ، އިންޓަޕޯލްގައި ބުނެފައި އެވާ ކުށްތަކެއް އޭނާ ނުކުރާ ކަމަށާއި އޭނާ ކުށްވެރި ނުވާކަން ސާބިތުކޮށްދެވޭނެ ކަމަށެވެ. އަދި އޭނާ ބުނީ، 30 މިލިއަން ޕައުންޑް ވަގަށް ނުނަގާ ކަމަށާއި ރައީސް އަވަހާރަކޮށްލަން ގޮއްވާލި ބޮމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ.

"އަހަރެންގެ އެއްވެސް ކުށުގެ ރިކޯޑެއް ނޯންނާނެ، އެންމެ ދެރަވެގެން ޕާކިން ޓިކެޓެއް ވެސް ނޯންނާނެ، ހަމަނުޖެހުން ހިނގުމުގެ ބެކްގްރައުންޑެއް ވެސް އަހަރެންގެ ނެތް، އެންމެން ވެސް ދަންނާނެ އަހަރެންނަކީ ވަރަށް އާދައިގެ މީހެއްކަން،"

މޮހޯ ބުނީ، ރާއްޖޭގައި އޭނާގެ މައްޗަށް ކުރާ ޝަރީއަތްތަކާ ކުރިމަތިލާން ތައްޔާރު ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ ކޮރަޕްޓްވެފައިވާ ނިޒާމެއް ކަމަށާއި ސަރުކާރާ ގުޅުންތައް އޮންނަ ނިޒާމެއް ކަމަށްވާތީ ކަމަށެވެ.

"އެމީހުން ބޭނުންވަނީ އަހަރެން ރާއްޖެ ގެންދަން، އޭރަށް އަހަރެން އަނގަ ބަންދުކުރެވޭނީ، އަހަރެން ރާއްޖެއަށް ގެންގޮސްފިނަމަ އަހަރެންގެ ފުރާނައާމެދު އަހަރެން ބިރުގަންނަން، އަހަރެން ބިރުގަނޭ އިންސާފުވެރި ޝަރީއަތެއް ނުލިބޭނެތީ، އަހަރެންގެ އިންސާނީ ހައްގުތައް ވަނީ ގެއްލިފައި، މިހާރު ވެސް ރާއްޖެއިން އަހަރެންނަށް އިންޒާރުގެ ފޯން ކޯލްތައް އާދޭ، ރާއްޖެއަކީ މިނިވަން އިންސާފުވެރި ގައުމެއް ނޫން، ރާއްޖޭގައި ޑިކްޓޭޓަޝިޕެއް،"