ކުޅުދުއްފުށި

ފުނަދު އާއި ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބިން ހިއްކާނެ ބަޔަކު ހޯދަނީ

ށ. ފުނަދޫ އާއި ހދ. ކުޅުދުއްފުށި އެއާޕޯޓް ހަދައި ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވާން 1,500ރ. ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިމަހު 21 އިން އަންނަ އެޕްރީލް މަހުގެ 19 އަށެވެ. އަދި ބީލަން ހުށަހަޅާއިރު ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަންޖެހެ އެވެ. ޕްރީބިޑް ބައްދަލުވުން އޮންނަނީ މިމަހު 31 ގައެވެ.