ހަބަރު

ނުކުޅެދުންތެރި 100 ކުއްޖަކަށް ވަޒީފާދޭން ފެނަކަ ތައްޔާރުވަނީ

Mar 22, 2016
  • މިކަމުން ގިނަ އާއިލާތަކެއް އުފާވާނެ
  • މެއި މަހު ވަޒީފާ ދެވޭ ވަރުވާނެ
  • މިހާ ގިނަ ކުދިންނަށް މީގެ ކުރިން ވަޒީފާއެއް ނުދޭ

ރާއްޖޭގައި އުޅޭ ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ 100 އަށްވުރެ ގިނަ ކުއްޖަކަށް ވަޒީފާދޭން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވާން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ 100 ކުއްޖަކަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވަމުންދާ ކަމަށާއި މިއީ ވަރަށް އުފާވެރި މަސައްކަތެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މެއި މަސް ތެރޭގައި އެ ކުދިންނަށް ވަޒީފާގެ ފުރުސަތު ހަމަޖެހިގެންދާނެ. މިއީ ވަރަށް އުފާވެރި، ވަރަށް ހިތްހަމަ ޖެހޭ، އާއިލާތަކަށް އުންމީދީކަމެއް. ވަރަށްގިނަ ދުވަސްތަކެއްވަންދެން އެ އާއިލާތަކުން އެކުދިން ގޮވައިގެން އުޅެނީ. އެ ކުދިންގެ ފަރާތުން އާމްދަނީއެއް ލިބުން. ނޫނީ އެ ކުއްޖާގެ ހަރަދު ބަރަދު ބެލެއްޓުމަކީ ބޮޑު ހިތްހަމަ ޖެހުމެއް،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ނުކުޅެދުންތެރިކަން ހުންނަ ކުދިން" ނޭ ކިޔަން އެ ކުންފުނި ބޭނުންނުވާ ކަމަށާއި، އެފަދަ މީހުންނަށް އެ ކުންފުނިން ކިޔަނީ "ވަޒީފާގެ ހާއްސަ ފުރުސަތު" ލިބޭ ފަރާތްތައް ކަމަށެވެ.

"އަޅުގަނޑުމެން އެހާ ފަސޭހަކަމެއް ނޫން ނުކުޅެދުންތެރިކަން ހުންނަ ކުދިންނޭ ކިޔާކަށް! އަޅުގަނޑުމެން މި ކިޔަނީ ވަޒީފާގެ ހާއްސަ ފުރުސަތު. އެ އެ ފުރުސަތަށް އާއްމުކޮށް އުޅޭ މީހުންނަށް ކުރިމައްޗެއް ނުލެވޭނެ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުޅުވިގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުންގެ އިސްނެންގެވުމެއްގެ ސަބަބުން ކަމަށެވެ.

"ފެނަކަ މެދުވެރިކޮށް ނަަމަވެސް މިކަމަށް އެންމެ ބޮޑު އިސްކަމެއް ފޯރުކޮށްދެއްވީ ރައީސް. އަދި ހާއްސަކޮށް މެޑަމް ފާތުން،" ނިމާލް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާދޭން ތައްޔާރުވަމުންދާއިރު، ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް ވަނީ މިކަމަށް އިސް ނަގާފަ އެވެ.