ހަބަރު

ޕްރިމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް އީއޯއައި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާލެއާއި ހުޅުމާލޭގައި އިލެކްޓްރިކް ނުވަތަ ހައިބްރިޑް "ޕްރިމިއަމް ޓެކްސީ" ގެ ހިދުމަތް ދިނުމަށްޓަކައި ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިތުރުކޮށްފި އެވެ.

މާލޭ ސިޓީގައި ފަށަން ނިންމާފައިވާ މި ހިދުމަތަކީ ޓެކްސީގެ ހިދުމަތް ޒަމާނީކޮށް، ފަސޭހަކުރުމުގެ ގޮތުން ފަށާ ހިދުމަތަކެވެ. މި ހިދުމަތް އަލަށް ފަށާއިރު، ޓެކްސީތައް ވާންޖެހޭނީ ހައިބްރިޑް ނުވަތަ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ކާރުތަކަކަށެވެ. އަދި ކާރުތަކުގައި ޓެކްސީ ދަތުރުގެ ފައިސާ ކޭޝް ކާޑު ނުވަތަ ޑެބިޓް ކާޑުން ދެއްކޭނެ ފަދަ ނިޒާމެއް ގާއިމްވެފައި ވެސް ހުންނަން ޖެހެ އެވެ.

މި ހިދުމަތް މާލޭ ސިޓީގައި ދިނުމަށްޓަކައި މާލީ އަދި ފަންނީ ގާބިލުކަން ހުރި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ގައި ކުރި އިއުލާން ހަވާލާދީ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އީއޯއައި ހުށަހެޅުމަށް އެންމެ ފަހު މުއްދަތަކީ އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ބަޔާންކޮށްފައިވާ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފަ އެވެ.