އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ކުރިއަށް އޮތް މާޗް 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 9ވާ އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތުގައެވެ.
އުރީދޫ އިން ބުނީ އެ އޮފީހުގެ ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ގިނަ ވެގެން 50 ހިއްސާދާރުންނަށް ކަމަށެވެ.
ޖަލްސާގައި ބައިވެރިވުމަށް "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރާ ހިއްސާދާރުންނަށް އޮންލައިންކޮށްވެސް ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
އުރީދޫ މޯލްޑިވްސް ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންނާއި، އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނަށް އެ މައުލޫމާތު މާޗް 7ވާ ހުކުރު ދުވަހުގެ ހަވީރު 6:00ގެ ކުރިން އަންގާނެ ކަމަށް އުރީދޫ މޯލްޑިްސް އިން މައުލޫމާތުދެ އެވެ.
ޖަލްސާގެ އެޖެންޑާ:
- އައިޓަމް 1: ކީރިތި ޤުރުއާން
- އައިޓަމް 2: ޗެއާޕާސަން، ފާތިމާ ސުލްތާން އަލް-ކުވާރީ ވާހަކަފުޅު ދެއްކެވުން.
- އައިޓަމް 3: 7 މާރިޗު 2024 ވީ ބުރާސްފަތި ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
- އައިޓަމް 4: 15 ޑިސެންބަރު 2024 ވީ އާދިއްތަ ދުވަހު ބާއްވާފައިވާ ހާއްސަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
- އއައިޓަމް 5: މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު ހަސަން އެމް އޭ އަލް-ހަމާދީގެ ވާހަކަފުޅު ދެއްކެވުން.
- އައިޓަމް 6: 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން.
- އައިޓަމް 7: 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުން.
- އައިޓަމް 8: 2025 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.
- އައިޓަމް 9: 2024 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.
- އައިޓަމް 10:ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން.
- އައިޓަމް 11: ހިއްސާދާރުން މަޝްވަރާކުރުން.
- އައިޓަމް 12: ޖަލްސާ ނިންމުން.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމަނާފައިވާ ފަރާތްތަކަށެވެ.
މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރަޖިސްޓާ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.45 އާއި 9.30އާ ދެމެދު ހެޑް އޮފީހަށް ހާޒިރުވެ ރަޖިސްޓާ ކުރަންޖެހޭނެ ކަމަށެވެ. ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓާ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށްވެސް ބުންޏެވެ.