ރާއްޖޭގެ އުތުރުގައި ގާއިމުކޮށްފައިވާ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާ އެ ތަންތަން ހަވާލުކޮށްފި އެވެ.
ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އެމްޓީސީސީ އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މިއަދު ހަވާލުވި ފެރީ ސްޓޮޕްތަކަކީ ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމު -- އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ސްޓޮޕްތަކެކެވެ.
މި އެއްބަސްވުމުގެ ދަށުން މިއަދު ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާ ހަވާލުކުރީ އާރްޓީއެލްގެ ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ގާއިމުކޮށްފައިވާ ފެރީ ސްޓޮޕްތަކެވެ.
ފެރީ ސްޓޮޕްތައް ކުރިއަށް އޮތް ދުވަސްތަކުގައި ބަލަހައްޓާނީ ކައުންސިލްތަކުން ކަމަށާއި އަދި ފެރީ ސްޓޮޕްތައް ހުރި ބިންތަކާ ގުޅޭ ހައްގުތައްވެސް ކައުންސިލްތަކަށް ބަދަލުކުރާނެ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ. ފެރީ ސްޓޮޕްތަކާއި އެ ތަންތަނުގެ ބިންތައް ކައުންސިލްތަކަށް ދިނުމުން މާލީ މަންފާ ކައުންސިލްތަކަށް ހޯދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުގައި ފެށި އާރްޓީއެލް ފެރީގެ ހިދުމަތް 9 އަތޮޅެއްގެ 81 ރަށަށް މިހާރު ލިބެ އެވެ. މި ހިދުމަތް ދެން އެންމެ ފުރަތަމަ ލިބޭނީ ރ އަދި ބ. އަތޮޅުގައެވެ.