އާރްޓީއެލް ފެރީގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ބ. އަތޮޅުގައި ފެށުމަށް ނިންމައިފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް ދެން އެންމެ ފުރަތަމަނ ފަށާނީ ނ. އަތޮޅުގައި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ނ. އަތޮޅުގައި ހިދުމަތް ފަށާނެ ކަމުގައި ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތް ރ. އަތޮޅުގައި ފަށާނީ ކުރިއަށް އޮތް އޯގަސްޓް މަހު ކަމަށާއި އަދި ބ. އަތޮޅުގައި ހިދުމަތް ފަށާނީ ސެޕްޓެމްބަރުގައި ކަމަށެވެ.
އާރްޓީއެލް ފެރީގެ ހިދުމަތަކީ ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ކަމަށް ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެ ހިދުމަތުގައި ބޭނުންކުރާ ލޯންޗްތައް ދަތުރުކުރާ ބައެއް ރޫޓްތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ހާއްސަކޮށް ބައެއް ލޯންޗްތައް މަޑުކުރަން ނިންމާފައިވާ ސްޓޮޕްތަކަށް ބައެއް ބަދަލުތައް ގެންނަމުންދާ ކަމަށާއި އެ ބަދަލުތައް ގެންނަނީ ލޯންޗްގައި ދަތުރުކުރާ މީހުންގެ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
އާރްޓީއެލް ފެރީ ހިދުމަތް މިހާރު ދެމުންދަނީ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ނެގެ އެވެ.