މޫސުން ގޯސްވެފައިވާތީ މާލެ ސަރަހައްދު ހިމެނޭހެން ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން މިއަދު ހަވީރު 4:00އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި މިއަދު ގަދަވާނެ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އެހެން ސަރަހައްދުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ދޭ މައުލޫމާތަށް ބަލާއިރު މޫސުން ރަނގަޅުވާނީ ރޯދަ މަސް ފެށޭ ފަހުން އަންނަ ހޯމަ ދުވަހު އެވެ.