ސިނަ މާލެ ބްރިޖް

ބްރިޖްގެ ގިނަ މަސައްކަތްތައް ދަނީ އީއައިއޭ އާ އެއްގޮތަށް: އީޕީއޭ

Mar 23, 2016
  • ފާހަގަ ކުރެވުނު ބައެއް ކަންކަން އިސްލާހު ކުރަން އެންގި
  • އީއައިއޭ ހަދާފައި ވަނީ ތިމާވެއްޓަށް ގެއްލުން ކުޑަގޮތަށް ބަލައިގެން
  • ބްރިޖްގެ މަސައްކަތް ހުއްޓޭ ގޮތަށް ކަމެއް ނުކުރާނެ

ހުޅުލެ-މާލެ ބްރިޖްގެ ގިނަ މަސައްކަތްތައް ކުރިއަށް ދަނީ، އީއައިއޭ ރިޕޯޓާ އެއްގޮތަށް ކަމަށާއި ބްރިޖްގެ މަސައްކަތްތައް ހިނގާ ގޮތް ކައިރި ބަލަމުން އަންނަ ކަމަށް، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން މިއަދު ބުނެފި އެވެ.

އީޕީގެ ޑިރެކްޓަރު ޖެނެރަލް، އިބްރާހިމް ނައީމް މިއަދު، "އަވަސް"އަށް ވިދާޅުވީ އީއައިއޭ ރިޕޯޓް ހެދުމުގައި ބަލާފައި ވަނީ ސަރަހައްދުގެ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ އަދި އިގްތިސާދީ ގޮތުން ވެސް ސަރަހައްދަށް އެންމެ ފައިދާ ހުރި ގޮތްތަކަކަށް ބްރިޖްގެ މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ. އަދި އެޕްރޫވް ކޮށްފައިވާ އީއައިއޭ ރިޕޯޓާ އެއްގޮތަށް މަސައްކަތްތައް ފަށާފައިވާ އިރު ދޭތެރެ ދޭތެރެއިން އިންސްޕެކްޝަންތައް ކުރަމުން އަންނަ ކަމަށް ނައީމް ވިދާޅުވި އެވެ. އެ އިންސްޕެކްޝަންތަކުގައި ފާހަގަ ކުރެވުނު، ބައެއް ކަންކަން ރަނގަޅު ކުރަން އިރުޝާދު ދީފައިވާ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

"މީހުންގެ ޝަކުވާއެއް އައިމައި ވެސް އަޅުގަނޑުމެން ބަލަން ކަންކަން. އެގޮތުން މި ކުރެވޭ އެކި އިންސްޕެކްޝަންތަކުގައި އަޅުގަނޑުމެންނަށް ފާހަގަވަނީ ބްރިޖްގެ ގިނަ މަސައްކަތްތައް މި ދަނީ އީއައިއޭއާ އެއްގޮތަށޭ. އަދި ރަނގަޅަށް ނުދާކަންކަން އިސްލާހު ކުރަން އެންގީމައި އެކަންކަން ވެސް އެބަ ރަނގަޅު ކުރޭ. މައިގަނޑު ބޮޑެތި މަސައްކަތްތައް ކުރިއަށް އެ ގެންދަނީ އީއައިއޭއާ އެއްގޮތަށް،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީއައިއޭ ރިޕޯޓާ ހިލާފަށް ކަމެއް ދާ ނަމަ، އަދި އެ ރިޕޯޓާ ހިލާފަށް މަސައްކަތެއް ކޮށްގެން ތިމާވެއްޓަށް ގެއްލުންތަކެއް ލިބިއްޖެ ނަމަ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ބަލާނީ، އަންގައިގެން ކަންކަން ރަނގަޅު ކުރެވޭތޯ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ބްރިޖްގެ މަސައްކަތް ހިނގާ ގޮތުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އަދި ފާހަގަ ވެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކަންކަން ބޮޑަށް ވާހަކަ ދައްކައިގެން ހައްލު ކުރަން މި ބަލަނީ. ބްރިޖްގެ މަސައްކަތުގައި މައިގަނޑު މައްސަލަތަކެއް ނެތް،" ނައީމް ވިދާޅުވި އެވެ.

ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ، ބްރިޖްގެ ތަބުތައް ބެހެއްޓުމަށް ފައުންޑޭޝަންތައް އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ސަބަބުން ރާޅުގަނޑު ހަލާކުވާތީ ރާޅާ އަޅާ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ. ސަރުކާރުން ބުނަނީ އެހެން ގޮތްތަކެއް އެކަމަށް ރާވާނެ ކަމަށެވެ.