ހަބަރު

އޭޝިޔާ ޕެސިފިކް ކަސްޓަމްސްތަކުގެ ވެރިންގެ ބައްދަލުވުން ނިންމާލައިފި

އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނިންމާލައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 14 އިން 18 އަށް މެލޭޝިޔާގެ ކުއަލަލަމްޕޫރުގަ އެވެ. މިބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގެ ނިޒާމް ހަރުދަނާކުރުމާއި، މަސްތުވާތަކެއްޗަށް ހާއްސަކުރެވިގެން އިތުރު އޮޕަރޭޝަންތައް ހިންގުމާއި، ކަސްޓަމްސް އޮފިސަރުންނަށް ތަފާތު ދާއިރާތަކުން ހިންގާ ތަމްރީން ޕްރޮގްރާމްތައް އިތުރުކުރަން ނިންމާފައިވެ އެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ކޮމިޝަނަރ ޖެނެރަލްވަނީ ސަރަހައްދުގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިންނާއެކު ވަކިވަކި ބައްދަލުވުންތައް ބާއްވަވާފައެވެ.

މި ބައްދަލުވުންތަކުގައި ޖަޕާން، ސައުތުކޮރެއާ، ސްރީލަންކާ އަދި ތައިލެންޑުން ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންނަށް އިތުރު ތަމްރީންގެ ފުރުސަތުތައް ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށާއި މައުލޫމާތު ބަދަލުކުރުމާއި، ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމާއި، މަސްތުވާތަކެއްޗާއި ހަތިޔާރުފަދަ ތަކެތި ދެނެގަތުމާއިބެހޭ ހާއްސަ ތަމްރީންތައް ފޯރުކޮށްދިނުމަށްޓަކައި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ސްރީލަންކާ ކަސްޓަމްސްއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެ އެވެ.

އަދި މިބައްދަލުވުމުގައި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ކުރިއަށްއޮތް ދެއަހަރުގެ ރިޔާސަތު ބަލަހައްޓާނެ ގައުމެއްގެ ގޮތުގައި ފިޖީ ކަނޑައަޅާފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެ އެވެ.