ފ. އަތޮޅު މަގޫދޫ އަދި ދަރަނބޫދޫގައި އާ ލައިސަންސް ޓްރެކެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އާ ޓްރެކްގެ ސަބަބުން، އެ ދެ ރަށުގެ ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިން ލައިސަންސް ކާޑު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޓްރެކް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ހާއްސަ ޓީމެއް ވަނީ މަގޫދޫ އާއި ދަރަނބޫދޫއަށް ޒިޔާރަތްކޮށް، ޓްރެއިނިން ޕްރޮގްރާމެއްވެސް ހިންގާފަ އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކައުންސިލްތަކަށް ލައިސަންސް ޓްރެކް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ފޯރުކޮށްދިނުމެވެ.
މަގޫދޫ އާއި ދަރަނބޫދޫގައި އާ ލައިސަންސް ޓްރެކެއް އެޅުމުގެ މަޝްރޫއަކީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކޮށްފައިވާ މަސައްކަތެކެވެ.
މ. ކޮޅުފުށީގައިވެސް މިފަދަ ޓްރެކެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ހުޅުވާފަ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑްރައިވިން ލައިސަންސް ޓްރެކްތައް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.