ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވާ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ޝަމީމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
ޓެކްސީގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ މިއަދު ހަވާލުކުރި ނަމަވެސް ހިދުމަތް ފަށާނެ ވަކި ދުވަހެއް އަދިވެސް ސަރުކާރުން ނުބުނެ އެވެ.
ސަރުކާރުން ޓެކްސީލައިނެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން މިދަނީ ޓެކްސީގެ ހިދުމަތުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ.
ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެންމެ ފުރަތަމަ ހާމަކުރެއްވީ "މާލެ ފަހި ޕްރޮގްރާމް" އިއުލާންކުރުމަށް މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ނިންމި ސަބަބުތަކާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވަނީ ވާހަަކަދައްކަވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އަމިއްލަ އެތައް ސެންޓަރަކުން ޓެކްސީގެ ހިދުމަތް ދޭތީ މިވަގުތު ޓެކްސީ ހިދުމަތް ދިނުމުގެ ހަރުދަނާ އެއްްވެސް ނިޒާމެއް ނެތް ކަމަށާއި އެހެންވެ ޓެކްސީ ހިދުމަތްދޭ ފަރާތްތައް ޒިންމާދާރު ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދާނެ ޓެކްސީއެއް ހޯދުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި ނަމަވެސް މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާނެ ޓޭކްސީއެއް ހޯދަން ވަރަށް ފަސޭހަ ކަމަށެވެ. އަދި ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތް ފޯރުކޮށްދެނީ ޑްރައިވަރުން ބޭނުންވާ ގަޑިތަކުގައި އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށާއި އެފަދަ ހިދުމަތްތައް ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން ކޮމްޕިއުޓާ ނިޒާމެއްގެ ދަށުން ވަކި ތަނަކަށް ދިއުމަށް އެންގީމަ އެތަނަކަށް ދާންޖެހޭ ގޮތަށް އުސޫލުތައް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިން ޓެކްސީ ހިދުމަތް ފަށާއިރު ޓެކްސީ ޑްރައިވަރުންގެ ތެރެއިން 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާ، އަނެއް 50 ޕަސަންޓަކީ އިތުރު ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ހިދުމަތްދޭ ފަރާތަކަށްވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ޑްރައިވަރުންނާއި ޕެސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށި ނަމަވެސް މިހާރު ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ.
ސަރުކާރުން ތައާރަފް ކުރާ ޓެކްސީ ތަކަކީ ތެޔޮ އަޅަން ނުޖެހޭ އިލެކްޓްރޯނިކް ޓެކްސީތަކެކެވެ. އެގޮތުން ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްސީތަކުގެ 20 ޕަސަންޓާއި 25 ޕަސަންޓް ތިމާވެއްޓާއި ރަށްޓެހި ޓެކްސީއަށް ހެދުމަށް ނިންމާފައިވެ އެވެ. އަދި މިހާރު އަމިއްލަ ފަރާތްތަކުން ޓެކްސީ ކުރާއިރު ސަރުކާރުގެ އަގު ބޮޑުކޮށް، އަގު ނެގި ނަމަވެސް އެމްޓީސީސީ އިން ފަށާ ޓެކްސީގެ ހިދުމަތުގައި ސަރުކާރުގެ އަގަށް ވުރެ ހިދުމަތުގެ އަގު ބޮޑު ނުވާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ.