ބަސް ދަތުރުތައް

މާލެއަށް ކޮންމެ 15 މިނިޓަކުން ބަސް ދަތުރެއް

Jun 16, 2022
1

އެމްޓީސީސީން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް)ގެ ނަމުގައި ފެށި ދަތުރުތަކާ އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތަކަށް ބޮޑު ލުޔެއް ލިބި އެ ސަރަހައްދަށް ކޮންމެ 15 މިނިޓަކުން ބަސް ދަތުރުތައް ކުރަން ފަށައިފި އެވެ.

އެމްޓީސީސީގެ ބަހުގެ ހިދުމަތަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔައީ މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެ ގެނައި 15 ބަސް އެ ކުންފުނީގެ ބަހުގެ ފްލީޓަށް އިތުރުކޮށް، އެ ބަސް ދަތުރުތަކުގެ ހިދުމަތް ރޭ ފެށުމާ ގުޅިގެންނެވެ.

ބަހުގެ ހިދުމަތް ދިނުމަށް އަލަށް ގެނައި ބަސްތަކާ އެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ އަދަދު ވަނީ 46 އަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ހިމެނެ އެވެ.

އަލަށް ގެނައި ބަސް ދަތުރުތަކުގެ ހިދުމަތް ރޭ ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން އަލަށް ގެނައި ބަސްތަކާ އެކު މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ފޯރުކޮށްދޭ ބަސް ދަތުރުތަކުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ވެގެންދާނެ ކަމަށެވެ.

އަލަށް ގެނައި ބައެއް ބަސްތައް އަންނަ މަހުގެ ތެރޭގައި ލ. އަތޮޅާއި ފުވައްމުލަކަށް ފޮނުވާނެ ކަމަށާއި އޭގެފަހުން ބަހުގެ ދަތުރުތަކުގައި ފަސޭހަތަކެއް ލިބި ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ. އަދި އަންނަ މަހުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުމަށްފަހު ކޭޝް ކާޑު ނުވަތަ މޮބައިލް ފޯނު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު މި އަހަރު ނިމުމުގެ ކުރިން ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޓީސީސީން އަލަށް ގެނައި ބަސްތަކާ އެކު މާލެ ސަރަހައްދުގައި ބަސް ދަތުރު ކުރާ ރޫޓްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. ކުރިން ހަ ރޫޓުން ދަތުރުކުރި ނަމަވެސް މިހާރު ވަނީ އިތުރު ދެ ރޫޓާ އެކު ޖުމްލަ އަށް ރޫޓުން ދަތުރުތައް ފަށާފަ އެވެ. އަދި އާ ބަސްތަކުގެ ހިދުމަތް ފެށުމާ އެކު ތިން މަންޒިލަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް ކުރަން މިހާރު ވަނީ ފަށާފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި، މާލޭގެ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ ބަސް ސްޓޮޕަށެވެ. މިބަދަލުތަކާ އެކު ކޮންމެ 10 މިނިޓަކާއި 15 މިނިޓެއްގެ ތެރޭގައި ކޮންމެ ރޫޓަކަށް ވެސް ބަސް ދަތުރުތައް މިހާރު ކުރަމުންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެެ.