ބަސް ދަތުރުތައް

އިލެކްޓްރިކް ބަސްތައް ރާއްޖެ ގެނެސް ޗާޖިން ސްޓޭޝަން ހަދަނީ

އެމްޓީސީސީން އިލެކެޓްރިކް ހަ ބަސް ރާއްޖެ ގެނެސް ޗާޖުކުރަން ޗާޖިން ސްޓޭޝަންތަކެއް ހެދުމުގެ މަސައްކަތް ފަށައިފި އެެވެ.

އެމްޓީސީސީން މިއަދު ރާއްޖެ ގެނެސްފައިވަނީ ތިމާވެށްޓާ ރަށްޓެހި އީވީ ހަ ބަސް އެވެ. އެއީ 11 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލްޣަނީ ވިދާޅުވީ އިލެކެޓްރިކް ބަސްތަކަށް ޗާޖިން ސްޓޭޝަންތަކެއް ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން ދަނީ ބަސްތައް ޕާކުކޮށް މަރާމާތުކޮށް ޗާޖް ކުރެވޭ ތަންތަން ހެދުމުގެ މަސައްކަތް ކަމަށެވެ.

ބަސްތައް މިއަދު މާލެ ގެނައި އިރު ޗާޖިން ސްޓޭޝަންތަކުގެ މަސައްކަތް މުޅިން ނުނިމޭނެތީ ވަގުތީ ގޮތުން ބަސްތައް ޗާޖް ކުރެވޭނެ ސްޓޭޝަންތަކެއް ހެދުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށް ހަމަދު ވިދާޅުވި އެވެ.

އިލެކްޓްރިކް ހަ ބަސް މާލެ ގެނެސް އޮކްޓޫބަރު މަހުގެ ތެރޭގައި ހިދުމަތްދޭން ފަށާނެ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.

ހަމަދު ވިދާޅުވީ ބަސްތައް ގެނައުން ލަސްވީ އެމްޓީސީސީގެ އޮޕަރޭޝަނަލް މަސައްކަތްތަކައް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުމުން ކަމަށާއި މިމަހުގެ ތެރޭގައި އިލެކްޓްރިކް ހަ ބަސް ބޭނުންކޮށްގެން ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އިލެކްޓްރިކް ބަހުގެ ހިދުމަތް ފެށުމުން މާލެގައި މިހާރު ބޭނުންކުރަމުންދާ ބައެއް ބަސްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް މީގެ ކުރިން ހަމަދު ވިދާޅުވެފައިވެ އެވެ. އަތޮޅުތެރެއަށް ބޭނުންވާ ބަސްތައް މިހާރު ފޮނުވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަތޮޅުތެރެއަށް ޖުމުލަ 23 ބަހެއް ފޮނުވާފައިވާ ކަމަށް ހަމަދު ވިދާޅުވި އެވެ. އެއީ އައްޑޫ ސިޓީ ފޭދޫއަށް 8 ބަސް، އައްޑޫ ސިޓީ ހުޅުމީދޫއަށް 4 ބަސް، ލ. ގަމަށް 4 ބަސް، ލ. އިސްދޫކަލައިދޫއަށް 2 ބަސް އަދި ފުވައްމުލަކަށް ފަސް ބަހެވެ.

"އަތޮޅުއަކަށް ހާއްސަ ކުރެވުނު ބަސްތައް މިހާރު އެރަށްތަކަށް ފޮނުވާފައި ވާނީ. އެހެންވީމާ އިލެކްޓްރިކް ބަސްތައް ލިބުނުނަމަވެސް ދެން އަތޮޅުތަކަށް އިތުރު ބަސްތަކެއް ފޮނުވާ ގޮތަށް ހަމަޖެހިފައެއް ނުވޭ،" ހަމަދު ވިދާޅުވި އެވެ.

މިވަގުތު ގްރޭޓާ މާލެ އޭރިއާގައި ހިދުމަތް ދެމުން ދަނީ ޖުމުލަ 64 ބަހެވެ. އެއީ 18 މިނީ ބަހާއި، 23 ޑަބަލްޑެކާސް (ދެ ބުރި ބަސް) އާއި، 12 ކޯޗް (ދިގު ރާސްތާއަށް ދަތުރުކުރާ) ބަސް އަދި 11 ސިޓީ (ކުރުރާސްތާއަށް ދަތުރުކުރާ) ބަހެވެ.

ތެޔޮ އަޅައިގެން ދުއްވާ މިނީ ބަސް ބޭނުންކޮށްގެން މާލޭގައި މިނީ ބަހުގެ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ފެށީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބެ އެވެ.

މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވެ އެވެ.