މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށި ފަހުން މިދިޔަ ފަސް ދުވަހުގެ ތެރޭގައި 538 އުޅަނދުގައި ސްޓިކާ ޖަހައިފި އެވެ.
މިނީ ބަހުގެ ހިދުމަތް މިިދިޔަ ހޯމަ ދުވަހު ފެށީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.
ބަހުގެ ހިދުމަތް ފެށީ މާލޭގެ އަމީނީ މަގާއި މަޖީދީ މަގުގައި އެއްވެސް ގޮތަކަށް އުޅަނދުތައް ޕާކް ކުރުން މަނާކުރުމަށްފަހު އެވެ. އަދި މި ދެ މަގުގައި މިނީ ބަހަށް ދަތިވާ ގޮތަށް އެއްވެސް އުޅަނދެއް ޕާކް ކޮޮށްފިނަމަ ސްޓިކާ ޖެހުމަށްފަހު ނަގަންޖެހޭ ހާލަތު އެ އުޅަނދެއް ނަގާނެ ކަމަށް ފުލުހުން ކުރިން އޮތީ ބުނެފަ އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 538 އުޅަނދެއް ގަވައިދާ ހިލާފަށް ޕާކް ކުރުމުން ސްޓިކާ ޖަހާފައިވެ އެވެ. އަދި 30 ސައިކަލާއި އެއް ކާރު ޓޯ ކޮށްފައިވެ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅިގެން ފުލުހުން ގެންދަނީ މަގުތަކަށް ނިކުމެ ބަސް ދަތުރުތަކަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވޭނެ ގޮތް ހެދުމުގެ ގޮތުން ކުރިއަށް ވުރެ ބޮޑަށް މަގުތައް ބަލަހައްޓަމުންނެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު، ފުރަތަމަ ދެ ހަފްތާ އެއްވެސް އަގެއް ނުނަގާނެ އެވެ. އެ މުއްދަތުގެ ފަހުން ދަތުރަކަށް ނެގުމަށް ނިންމާފައިވަނީ ހަތް ރުފިޔާ އެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.