ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތް މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށުމަށް ނިންމައިފި އެވެ.
ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް މިދިޔަ ފެބްރުއަރީ 12 ވަނަ ދުވަހު ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީލައިނަށް ބޭނުންވާ ޓެކްސީ ހޯދަން އިއުލާންކުރުމުން އެކަން ކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ޓެކްސީލައިނަށް ބޭނުންވާ އެޕްލިކޭޝަނާއި ޗާޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ފެށުން،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފޯރުކޮށްދޭ ޓެކްސީގެ ހިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އާންމުން ގަބޫލުކުރާ ކަމަށެވެ. ރާއްޖޭގައި ޓެކްސީ ހިދުމަތުގައި ބޭނުންކުރާ ބައެއް އުޅަނދުތައް ވަރަށް ބޮޑަށް ބާވެފައިވާތީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ހިދުމަތް ރަނގަޅުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"ސްޓޭންޑަޑް ކަނޑައަޅާފައި ޓެކްސީލައިންތައް ޑިސިޕްލިންވެ ޕަބްލިކް އެކްސްޕެކްޓޭޝަނާ އެއްވަރަށް މި ހިދުމަތް ދެވޭ ކަމަށްވަންޏާމުން ހަމަ މާދަމާވެސް ސަރުކާރަށް ޓެކްސީ ލައިން ހުއްޓާލެވޭނެ ނޫންތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީލައިނެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން މިދަނީ ޓެކްސީގެ ހިދުމަތުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ.
ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެންމެ ފުރަތަމަ ހާމަކުރެއްވީ "މާލެ ފަހި ޕްރޮގްރާމް" އިއުލާންކުރުމަށް މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިން ޓެކްސީ ހިދުމަތް ފަށާއިރު ޓެކްސީ ޑްރައިވަރުންގެ ތެރެއިން 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދައި، އަނެއް 50 ޕަސަންޓަކީ އިތުރު ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ހިދުމަތްދޭ ފަރާތަކަށްވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ޑްރައިވަރުންނާއި ޕެސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށި ނަމަވެސް މިހާރު ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ.
ސަރުކާރުން ތައާރަފް ކުރާ ޓެކްސީ ތަކަކީ ތެޔޮ އަޅަން ނުޖެހޭ އިލެކްޓްރޯނިކް ޓެކްސީތަކެކެވެ. އެގޮތުން ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްސީތަކުގެ 20 ޕަސަންޓާއި 25 ޕަސަންޓް ތިމާވެއްޓާއި ރަށްޓެހި ޓެކްސީއަށް ހެދުމަށް ނިންމާފައިވެ އެވެ. އަދި މިހާރު އަމިއްލަ ފަރާތްތަކުން ޓެކްސީ ކުރާއިރު ސަރުކާރުގެ އަގު ބޮޑުކޮށް، އަގު ނެގި ނަމަވެސް އެމްޓީސީސީ އިން ފަށާ ޓެކްސީގެ ހިދުމަތުގައި ސަރުކާރުގެ އަގަށް ވުރެ ހިދުމަތުގެ އަގު ބޮޑު ނުވާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދެއެވެ.