މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ މި ސަރަހައްދަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު މިހާރު ވަނީ މިއަދު މެންދުރުފަހު 1:30 އާ ހަމައަށް އިތުރުކޮށްފަ އެވެ.
މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ މޫސުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ލަފާކުރާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނު އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީޙުން ބުނެފައިވެ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.