ހަބަރު

އާންމުންނަށް ހިދުމަތް ދޭން އެޗްއެސްބީސީ އަަށް މަޖުބޫރެއް ނުކުރެވޭނެ: ގަވަރުނަރު

  • ބޭންކެއްގެ ޕޮލިސީތަކާ ނުބެހެވޭނެ
  • އެޗްއެސްބީސީ އަކީ ތިން ވަނަ އަށް އެންމެ ބޮޑު ބޭންކް
  • އެޗްއެސްބީސީގެ ސަބަބުން ލިބޭ ފައިދާތައް ބޮޑު

ރާއްޖޭގައި އާންމުންނަށް ހިދުމަތް ދިނުމަށް، އެޗްއެސްބީސީ އަށް މަޖުބޫރެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އެއީ އެ ބޭންކްގެ ބޭންކިން ޕޮލިސީއަކަށް ވާތީ އެއްވެސް ބޭންކެއްގެ ޕޮލިސީއެއްގެ ތެރެއަށް ނުވަދެވޭނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން އެޗްއެސްބީސީ އިން ވަނީ އެ ބެންކުން އާމުންނަށް ދޭ ހިދުމަތް ހުއްޓާލައިހަމަ އެކަނި ވިޔަފާރިވެރިންނަށް ހިދުމަތް ދޭން ފަށައިފަ އެވެ. އަދި އެ ބެންކުގައި ހުރި އާންމުންގެ އެކައުންޓުތައް ބަނދުކުރުމަށް އެޗްއެސްބީސީ އިން ވަނީ ކަސްޓަމަރުންނަށް ނޯޓިސްވެސް ފޮނުވައިފަ އެވެ.

އެޗްއެސްބީސީއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގަވަރުނަރު އަޒީމާ ވިދާޅުވީ އެޗްއެސްބީސީ އިން އެންމެ ފުރަތަމަ ރާއްޖެއަށް ގެންނަން ކުރި މަސައްކަތުގައި ވެސް އެ ބޭންކުން އޭރުވެސް ހުށަހަޅައިފަ ވަނީ ވަރަށް މަތީ ފެންވަރުގެ ކަސްޓަމަރުންނަށް ރާއްޖޭގައި އެ ބޭންކްގެ ހިދުމަތްތައް ފުޅާކުރަން ކަމަށެވެ. އަޒީމާ ވިދާޅުވީ ކޮންމެ ބެންކެއްގައި ވެސް ހިދުމަތް ދިނުމުގައި އެ ބޭންކްގެ އަމިއްލަ ޕޮލިސީތަކާއި ހާއްސަ މާކެޓްތައް ކަނޑައަޅާފައި އޮންނަ ކަމަށާއި އެކަމާ ނުބެހެވޭނެ ކަމަށެވެ. ގަވަރުނަރު ވިދާޅުވީ މަޖުބޫރު ކޮއްގެން ބެންކުގެ ހިދުމަތް ބަދަލު ކުރުމުގެ ބަދަލުގައި އެޗްއެސްބީސީގެ ގޮތުގައި އެމީހުން ކުރިޔަށް ދިޔުމަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

"އެޗްއެސްބީސީއަށް މަޖުބޫރުކޮށްގެން ނަމަވެސް ހުރިހާ ފަރާތްތަކަށް އެ ހިދުމަތް ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެޗްއެސްބީސީ ކަހަލަ އިންޓަނޭޝަނަލް ބެންކެއް ހުރީމަ ރާއްޖެ އަށް ރަމްޒުކޮށްދޭ ކަންތައް ހުރީ. އޭގެ ބޭނުން އަޅުގަނޑުމެންނަށް އެބަ އޮތް އަދި ރާއްޖެއަށް ފައިދާ ތަކެއް ވެސް ކުރޭ،" އަޒީމާ ވިދާޅުވި އެވެ.

ގަވަނަރު ވިދާޅުވީ ޑިޕޮސިޓްއާއި ލޯނުގެ ސައިޒުން ބަލާނަމަވެސް އެޗްއެސްބީސީއަކީ ރާއްޖޭގައި ތިންވަނަ އަށް އެންމެ ބޮޑު ބެންކު ކަމަށާއި އަދި ބެންކު ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދެވަނައަށް އެންމެ ބޮޑު އަދަދެއް ސަރުކާރަށް ދައްކަނީވެސް އެބެންކުން ކަމަށެވެ. އަޒީމާ ވިދާޅުވީ ގޮތުގައި އެޗްއެސްބީސީ އިން އެމީހުންގެ ރީޓެއިލް ބެންކިން ހުއްޓާލައިފަ ވަނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި އެތައް ގައުމެއްގައި ވެސް ކޯޕަރޭޓް ބެންކިން ފަށައިފަވާ ކަމަށެވެ. އެ ނިންމުމަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ބޭންކުން ނިންމި ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ.