އެޗްޑީސީ

ފްލެޓް ދޭނެކަމަށް ބުނެ ފައިސާ ޖަމާކުރަން ގުޅަނީ އޮޅުވާލައިގެން: އެޗްޑީސީ

އޮޅުވާލައިގެން ފައިސާ ހޯދަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައިވެސް އެކި ނަންބަރުތަކުން ބަޔަކު ގުޅަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އަންގައިފި އެވެ.

ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން މިހާރު މި ވަނީ އާންމުވެފަ އެވެ. އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެޗްޑީސީގެ ނަމުގައި ގުޅާ ނަންބަރުތަކުން ގުޅަނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް ފްލެޓާއި ރޯހައުސް ލިބޭނެކަމަށް ބުނެ ކަމަށެވެ. އަދި އާންމުންނަށް ގުޅައިގެން ފުލެޓް ލިބުނު ކަމަށް ބުނެ ޑައުން ޕޭމަންޓުގައި ފައިސާ ދައްކަން އެފަދަ ފަރާތްތަކުން ބާރު އަޅާކަމަށެވެ.

އެކުންފުނިން ބުނީ ފްލެޓާއި ރޯހައުސް ދޫކުރަނީ ކުރިއާލައި އިއުލާނުކޮށްގެން ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އަދި އެފަދަ އިއުލާނުތަކަކީ އެ ކުންފުނީގެ ވެބްސައިޓާއި ގެޒެޓް އަދި މީޑިއާގެ އެކި ސައިޓުތަކުގައި ޝާއިއުކޮށްގެން ކުރާއިއުލާނުތަކެއް ކަމަށާއި ރޯހައުސްތައް ލިބޭ ފަރާތްތަކަކީ ވެސް އާންމުކޮށް އަންގާ އިއުލާނު ކުރާނެ ކަމަށެވެ.

ފްލެޓް ލިބޭ ފަރާތްތަކަށް އެކުންފުނިން އަބަދުވެސް ގުޅާނީ ކުންފުނީގެ ލޭންޑްލައިނުންކަން ފާހަގަކޮށް އެޗްޑީސީން ވަނީ މޮބައިލް ފޯނުތަކުން ގުޅައިގެން ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރަން އެކުންފުނިން އެއްވެސް ފަރާތަކަށް ނާންގާނެ ކަމަށެވެ. އަދި އެފދަ ކޯލްތަކަށް ސަމާލުވުމަށެވެ.