ވާހަކަ

ކަރުނައިގެ އަގު

0%
0%
0%

( 15 މާރިޗު 2025 އާ ގުޅޭ )

އުނދޯއްޔަށް ދެފައި އަރުވާލައިގެން ފޮތެއް އުނގަށް ލައިގެން ބެލްކަނިން ބޭރަށް ބަލަހައްޓައިގެން ރަހާ އިނީ ކޮންމެވެސް ކަމަކަށް ގެއްލިފަ އެވެ. އޭނާއަށް ހިލަންވީ ވާކިފް އައިސް ކޮނޑުގައި އަތްޖައްސާލީމަ އެވެ.

"ކީއްވެފަ ތިއިނީ؟. ހާދަ ހެނދުނާ ފޮތް ހިފައިގެން ތިއުޅެނީ؟." ވާކިފް ވާހަކަދެއްކި އެވެ.

"ގުޑްމޯނިންގ." ރަހާ ހިނިތުންވުމެއް ދިނެވެ. އުނދޯލިން ދެފައި ތިރިކޮށްލާފައި އޭނާ އާންމުކޮށް ކިޔަން ގެންގުޅޭ ޅެންފޮތް އުނގުމަތިން ނަގައި ވާކިފްއަށް ދައްކާލި އެވެ.

"އަހަރެން ރޭގައި ބުނަން ހަނދާންނެތުނީ. މާދަމާއަށް އޮފީސް ދަތުރެއް ހަމަޖެހިފައި އޮތީ. މެލޭ އިންވެސްޓަރުންނާ މީޓުކުރަން އެކޮޅަށް ދަނީ. އެކޮޅުގެ ހުރިހާކަމެއް ބަލަން މަޑުކޮށްފައި ޑީލް ފައިނަލް ކޮށްގެން އަންނަ ވިސްނުން ހުރީ. އެއް މަސް ނޫނީ ދޮޅު މަސް ދުވަސް ވާނެ." ވާކިފް ބުންޏެވެ.

"މެލޭއަށް... ކޮންބައެއް ދަނީ؟. ވާކިފް އެކަނިތަ؟." ރަހާއަށް އަހާލެވުނެވެ.

"މާކެޓިން ހެޑާއި އަހަރެންގެ އެސިސްޓެންޓް ބައިވެރިވާނެ." ވާކިފް ބުންޏެވެ.

"އާޒިމް އެހާ ބުރަކޮށް އުޅޭއިރު އޭނާއަށް ތި ބިޒްނަސް ޓްރިޕްގައި ދެވޭނެތަ؟. މިހާރު ވެސް ވާކިފްގެ ހުރިހާ ކަމެއް އެ ބަލަހައްޓަނީ އޭނާ. ޗުއްޓީއެއް ދޭން ވެސް ވާކިފް ކަންބޮޑުވޭ." ރަހާއަށް ބުނެވުނެވެ.

"އާޒިމްއެއްނޫން. މާކެޓިންގައި އުޅުނު ކުއްޖެއް. އޭނާ މާސްޓާސް ނިންމީމަ އަހަރެން ގަސްދުކުރީ އަހަރެން ކައިރިޔަށް ބަދަލުކުރަން. އޭނާގެ މަސައްކަތް ވަރަށް ރަނގަޅު. މަތީ މަޤާމެއް ހަވާލު ކުރުމުގެ ކުރީން އަހަރެންނާއެކީ ގެންދަނީ މަސައްކަތުގެ ތަޖުރިބާ އޭނާއަށް ލިބޭނެތީ." ވާކިފް ކިޔާދިނެވެ.

"އެއީ ކާކު؟. އަހަރެންނަށް އެނގޭނެތަ؟." ރަހާ އަހާލި އެވެ.

"ސާބަސް. ރަހާ އޮފީހުން ވަކިވިތާ ކިތައް އަހަރުވެއްޖެ. އޭގެ ފަހުން ވަރަށް ގިނަ އާ ކުދީން ވަދެއްޖެ. ބައެއް މީހުން ވަޒީފާއިން ވަކި ވެސް ވެއްޖެ." ވާކިފް ބުންޏެވެ. ރަހާއަށް އޭނާ އެނގެން ބޭނުންވީ ޖަވާބަށް އެ ވާހަކަތައް ނުވި އެވެ. އެހެންނަމަވެސް އިތުރަށް އޭނާ ސުވާލެއް ނުކުރި އެވެ. ވާކިފްގެ ޠާބީޢަތް ގޯސްވެދާނޭކަން އެނގޭތީ އެވެ. ސުވާލު ގިނަކޮށްފިނަމަ ވާކިފްއަށް ހީވާނީ ރަހާ އޭނާގެ މައްޗަށް ތުޙުމަތުތަކެއް ކުރަނީ ކަމަށެވެ. އަދި އެކަން ނަގާނީ ވާކިފަށް އިތުބާރު ނުކުރާ ކަމުގެ ހެއްކެއްގެ ގޮތުގަ އެވެ. އޭރުން ދެމެދުގައި އަނެއްކާ ވެސް ޒުވާބެއް އުފެދޭނީ އެވެ. ހިތްހަމަނުޖެހުމުގައި ހުރެ ރަހާއަށް ވެސް ވާކިފާ ރީތިކޮށް ވާހަކައެއް ނުދެއްކޭނެކަން އެނގެ އެވެ. އެފަދަ ވަގުތެއްގައި ރަހާއަށް ފެންނާނީ ވެސް ވާކިފްގެ ފުށުގައި ހުރި ކަމުނުދާ ސިފަތައް އެކަންޏެވެ. އަހަރުތަކާއެކު ވާކިފަށް އައިސްފައިވާ ބަދަލާއި ރަހާ ކެތްކުރަމުން އައި އެތައް ކަމެއްގެ މަތިން ހަނދާންވާނެ އެވެ. މަރާ ހަނގުރާމަ ކުރަމުންދާ މީހެކޭ ރަހާއާ ތަފާތެއްނެތްކަން ޚުދު ރަހާއަށް އެނގެ އެވެ. ކެންސަރުގެ ބަލިން އަރައިގަނެވޭނެ ކަމެއްވެސް ރަހާއަށް ނޭނގެ އެވެ. ވީއިރު އޭނާގެ ވިސްނުމުގައި ހުރީ ފަހުނޭވާ ދޫކޮށްލަން ޖެހޭ ވަގުތު އައިސް ކައިރިވާއިރު އެންމެފަހުގެ ދުވަސްތައް ވާކިފްއާއެކު ހަމަޖެހޭ ދުވަސްތަކެއްގެ ގޮތުގައި ވޭތި ކުރާށެވެ.

"ފޮށި ނަގާދީފަ ދާތި. އޭރުން ވާކިފް ނެތަސް އަހަރެންނަށް އެއްޗެހި ތައްޔާރު ކުރެވޭނީ." އުނދޯލި ގޮނޑިން ތެދުވަމުން ރަހާ ބުންޏެވެ. އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭނާގެ ފަހަތުން ވާކިފް ވެސް އައެވެ.

ޖެހިގެން އައި ދުވަހެވެ. ވާކިފް ހުރީ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ ދަތުރަށް ފޮށި ތައްޔާރުކުރުމުގައި ކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔަ ރަހާއަށެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް އޭނާގެ ދެ ލޮލުން ފާޅުވެ އެވެ. ހިނދުހިނދުކޮޅުން ވާކިފްއަށް ތުންފިއްތާލެވެ އެވެ. ކޮންމެވެސް ކަމެއް އޭނާއަށް އުނދަގޫ ކުރާ ކަހަލަ އެވެ.

"ވާކިފް." ފޮށި ތައްޔާރު ކުރުމަށްފަހު ރަހާ އެނބުރިލީ ވަގުތު ވާކިފް ދޮރުމަތިން ފެނި ގޮވާލެވުނީ ހައިރާންކަމާއެކު އެވެ.

"ނިމުނީތަ؟." ވާކިފް އެތެރެއަށް ވަންނަމުން އަހާލި އެވެ.

"ހޫމް. ނިމުނީ. ވާކިފް ބުނެބަލަ. އިތުރު އެއްޗެއް އަދި ބޭނުންވާނެތަ؟." ރަހާ އަހާލި އެވެ.

"ނޫން. ރަހާ ޕެކްކޮށްދީ ނިމޭއިރު ހުރިހާ އެއްޗެއް ފުރިހަމަވާނޭކަން އަހަރެންނަށް އެނގޭ. އެހާ ތަރުތީބުކޮށް އަހަރެންނަށް ވެސް ނޭނގޭނެ އެއްޗެހި އަޅާކަށް. ގިނަފަހަރު އަހަރެން ހަނދާނެއް ނެތަސް ރަހާ ހަނދާން ހުންނާނެ އަހަރެންނަށް ބޭނުންވާނޭ އެއްޗެހި." ވާކިފް އައިސް ރަހާގެ ކުރިމަތީ ހުއްޓިލި އެވެ. ލޯތްބާއެކު ރަހާގެ ކޯތާފަތުގައި ކަނާއަތްތިލަ ޖައްސާލި އެވެ.

"އަހަރެން އަބަދުވެސް ބަލަން ވާކިފްގެ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެވޭތޯ." ހިނިތުންވުމެއް ބަދަލުކޮށްލަމުން ރަހާ ބުންޏެވެ.

"ތީ ރަނގަޅު އަނތްބެއްކަން އެނގެޔޭ." ވާކިފް ވެސް ހިނިތުންވެލީ އެވެ.

"ތިހެން ނުހުރެ ރެޑީވާން އުޅޭ. ޗެކިން ފަށަންވާއިރަށް ދެވޭނީ އޭރުން." ރަހާ ބުންޏެވެ.

ވާކިފް އެއާރޕޯޓަށް ދާން ތައްޔާރުވެލި އެވެ. ރަސްމީ ދަތުރެއްގައި ދާން އުޅުނަސް އޭނާ ހުރީ ނުރަސްމީ ހެދުމެއްގަ އެވެ. މަސައްކަތްތައް ފެށޭނީ އެކޮޅަށް ދެވުނީމަކަމަށްވާތީ އެވެ. ވާކިފް އެއަރޕޯޓަށް ދާން ހަމަޖެއްސި ޓެކްސީ އައުމާއެކު ދޮރޯށި ދޮށަށް ނުކުތީ ދެމަފިރިން އެކީގަ އެވެ. ކާރަށް ފޮށި އަރުވާފައި ވާކިފް އައިސް ރަހާގެ ގާތުގައި މަޑުކޮށްލި އެވެ.

"އަހަރެންނަށް ހުރިހާ ވަގުތެއް އިރުއިރުކޮޅާ ނުގުޅިދާނެ. އެހެންވިޔަސް ރަހާ އަމިއްލަ ނަފްސަށް ބަލަހައްޗޭ. ރަނގަޅަށް ކައިގެން ހުންނާތި. އަހަރެން އެނބުރި އަންނައިރު މިހާރު ތިހުރި ވަރަށްވުރެ ވެސް މީހާ ނިކަމެތިވެފައި ހުރެގެން ނުވާނެ. މި ދަތުރު ނިންމާފައި އައިސް އަހަރެން ވެސް ރަހާއާއެކު ޑަކްޓަރަށް ދާނަން. ކިހިނެއްކަން ރަހާއަށް ވަނީ އެނގެން އަހަރެން ވެސް ބޭނުން. މާބޮޑަށް ފިކުރުބޮޑުނުވާތި. އަހަރެން ވަގުތުވާވަރުން ރަހާއަށް ގުޅާނަން އިނގޭ." ރަހާގެ ކޯތާފަތުގައި ފިރުމާލަ ދެމުން ވާކިފް ބުންޏެވެ. ރަހާއަށް ޤަބޫލުކުރާން ދަތިވި އެވެ. އެހެންނަމަވެސް އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ އިޚްތިޔާރަކާއި ނުލަ އެވެ. އޭނާގެ ހިތް ބުނެލީ ވާކިފް ފުށުން އެ ފާޅުވީ ހެޔޮ ފާލެއް ކަމުގަ އެވެ. ވާކިފްގެ ބަސް ޤަބޫލުކުރަމޭ ބުނާ ފަދައިން ރަހާ ހިނިތުންވެ ހުރެ ބޯޖަހާލީ އެވެ. އެއާއެކު ވާކިފް ވަކިވުމުގެ ސަލާމެއްގެ ގޮތުން ރަހާގެ ނިތްކުރީގައި ބޮސްދީފި އެވެ. އަދި އޭނާ ފުރަގަސްދެމުން އައިސް ޓެކްސީއަށް އަރައިފި އެވެ.

* * * * *

ކީމޯ ނެގުމަށް ރަހާ ކުލިނިކަން އަންނަ ގަޑިތަކުގައި ޑަކްޓަރު ޒަރަކް ހުރެ އެވެ. ބައެއް ދުވަސްދުވަހު އޭނާ ދުރުގައި ހުރެ ރަހާއަށް އަންނަ ބަދަލުތައް ބަލަ އެވެ. އަނެއްބައި ދުވަސްދުވަހު ރަހާގެ ގާތަށް އައިސް ހާލު އޮޅުންފިލުވައި ވާހަކަދައްކަ އެވެ. ޒަރަކްއަށް ފާހަގަކުރެވުނީ ފަހަކަށް އައިސް ރަހާއަށް ވެރިވެފައި ހުންނަ ހިމޭންކަމެވެ. އަނެއްކޮޅުން ރަހާ އެކަނިމާއެކަނި އުޅޭތީ އެކަމާ ވެސް ޒަރަކް ކަންބޮޑުވެ އެވެ. ރަހާގެ ޢާއިލާއަށް އޭނާގެ ހާލު އެނގޭނެނަމައޭ ޒަރަކް ކިތަންމެ ވަރަކަށް ވެސް ހިތަށް އަރަ އެވެ.

ކީމޯގެ ފަރުވާ ރަހާއަށް ދެމުންދިޔަ ދުވަހެކެވެ. ފަރުވާދޭ ބައިގެ ބޭރުގައި ޒަރަކް މަޑުކޮށްލައިގެން ހުއްޓެވެ. ރަހާ ދެފަހަރަށް ހޮޑުލައިފި އެވެ. ނަރުސް ކުދީން އޭނާގެ ގާތުގައި ހަރަކާތްތެރިވަމުންދިޔަ އެވެ. ޒަރަކްގެ ނަޒަރު ވަނީ ރަހާއަށް އަމާޒުވެފަ އެވެ. އޭނާއަށް ރަހާގެ މޫނުމަތީގައިވާ ވޭން ފެނެ އެވެ. އެ ވޭނަށް އެ އަންހެންކުއްޖާ ކެތްކުރާ މަންޒަރު ފެނެ އެވެ. ދުރުގައި ބަލަން ހުއްޓެއްކަމަކު ޒަރަކްއަށް އެ ތަދު އިޙްސާސްވާ ކަހަލަ އެވެ. އޭނާގެ ދެބުމަ ކައިރިވެލި އެވެ. އަތްތިލަ މުއްކަވާލެވުނެވެ. އެ ދުވަހުގެ ފަރުވާ ނިންމާލިއިރު ރަހާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތްފަދަ އެވެ. އޭނާ ބޭރުގައި ގޮނޑިބަރީގައި މަޑުކޮށްލުމުގެ ވިސްނުމުގައި ނުކުތް ހިނދު އޭނާއާ ބައްދަލު ކުރީ ޑަކްޓަރ ޒަރަކް އެވެ.

"އާދޭ އަހަރެންނާއެކީ." ޒަރަކް ބުނެލި އެވެ.

ރަހާ ގޮވައިގެން ޒަރަކް އައިސް ވަނީ އޭނާގެ އޮފީހަށެވެ. އެ އޮފީސްތެރޭ އެއްފަރާތު ފާރުގައި ޖައްސާފައި ހުރި ބޮޑު ސޯފާ އޭނާ ރަހާއަށް ދައްކާލި އެވެ.

"މީ އަހަރެންގެ ޕާސަނަލް ކެބިން. މިތަނަށް ހުއްދަ ނުހޯދާ އެކަކުވެސް ނުވަންނާނެ. މިވަގުތު ނުކުމެވެންދާނޭވަރު ރަހާގެ ނެތްކަން އަހަރެންނަށް އެނގޭ. ސޯފާގަ އަރާމުކޮށްލާ. އަހަރެން ބޭހެއް ދޭނަން. މޭނުބައިކުރުމަށް ވަގުތީ ހައްލެއް އޭރުން ލިބޭނެ." ޒަރަކް ބުންޏެވެ.

ވާހަކައެއް ދައްކާވަރަށްވުރެ ރަހާ ހުރީ ވަރުބަލިކަމެއްގެ ތެރޭގަ އެވެ. ހަށިގަނޑުގައި އަޅާ ވޭން އޭނާއަށް ދުލުން ބަޔާންކޮށްދޭން ވެސް ދައްޗެވެ. އެއްވެސް އެއްޗެކޭ ބުނުމެއްނެތި އޭނާ ސޯފާގައި އޮށޯވެލީ އެވެ. އެހިނދު ޒަރަކް އައިސް ރަޖާގަނޑެއް ރަހާގެ ގައިގާ އަޅާލަދީފި އެވެ. އެ "ބްލޭންކެޓް"އަކީ ކުލިނިކުގައި ބޭނުންކުރާ އެއްޗެއް ނޫންކަން ރަހާއަށް ވެސް އޭގައި އަތްލެވުމާއެކު ނަގައިގަންނަން އެނގުނެވެ. އަނެއްކޮޅުން އޭގައި ހަރުލާފައި ހުރީ ފިރިހެންވަންތަ ސެންޓެއްގެ ވަހެވެ. ނަމަވެސް ރަހާއަށް ކަމަކަށް ސަމާލުކަމެއް ދެވޭވަރެއް ނުވި އެވެ. އޭނާ ދެ ލޯ މަރާލީ އެވެ. ނިދާލަން ގަސްދުކުރީ ވޭންތަކާ ދުރަށް ނަފްސު ގެންދިއުމަށް ބޭނުންވެ އެވެ.

"ނިދާލީމަ ވެސް ލުއިކަން އިޙްސާސް ކުރެވޭނެ. އަހަރެން އެޓެންޑްވާންޖެހޭ ޕޭޝަންޓުން އެބަތިބި. އެކަން ނިންމާލާފައި އަންނާނަން. އެހާތަނަށް ރަހާ ރެސްޓްކޮށްލާ." ޒަރަކް ބުންޏެވެ.

"ތޭ...ންކް...ސް..." ވަރެއްނެތް ފަދަ ގޮތަކަށް ރަހާ ބުނެލި އެވެ.

ޒަރަކް އެތަނުގައި މަޑެއް ނުކުރި އެވެ. ރަހާއަށް ބޭސްގުޅައެއް ކާންދީފައި އޭނާ ދިޔައީ އެވެ. މަޑުމަޑުން ރަހާގެ ދެ ލޯ މެރެން ގިނައިރެއް ނުނެގި އެވެ. އޭނާއަށް ނިދިފައި ހޭވެރިކަމެއްވެގެން ލޯ ހުޅުވާލިއިރު ޒަރަކް އިނީ އެތަނުގައި ހުރި މޭޒުގެ ދޮށުގަ އެވެ. އޭނާ އިނީ ރިޕޯޓެއް ބަލާށެވެ. ރަހާ ނިކަން ހަލުވިކޮށް ތެދުވެ ސޯފާގައި އިށީނެވެ. ގައިމަތީ އޮތް ރަޖާ އެއްފަރާތްކޮށްލި އެވެ.

"ހޭލެވުނީތަ؟. މިހާރު ކިހިނެއް؟." ޒަރަކް އަހާލި އެވެ.

"ސޮރީ ޑަކްޓަރަށް އުނދަގޫ ކުރެވޭތީ... ވަރަށް ގިނައިރުވެއްޖެތަ އަހަރެން ނިދާފައި އޮންނަތާ؟. ގޮވާލިނަމަ. ޑަކްޓަރ ގެއަށް ނުދެވިފަތަ ތިއިނީ." ހިސާބަކަށް ހާސްވެފައި އިނދެ ރަހާއަށް ބުނެވުނެވެ.

"އަދިވެސް ރަހާ އަހަރެންނާ މެދު ތިދެކެނީ ހާދަ ދުރުމީހެއް ހެންނޭ. އަހަރެންނަށް އުނދަގޫވާނޭ ކަމެއް ރަހާ ނުކުރޭ. އަހަރެންގެ ޑިއުޓީ ނިމިއްޖެ. އެކަމަކު މިގޮތަށް ކުލިނުކުގައި އަހަރެން އިނުމަކީ އާންމުކަމެއް. އެހެންވީމަ ހާސްނުވޭ... އެއްޗެއް ކާލަންވީނު. އަހަރެންގެ ރައްޓެއްސެއް ލައްވާ ތައްޔާރުކޮށްގެން ގެނެސްފައި ހުރި ކާއެއްޗެހި މިހުރީ. ގެއަށްދާން ނުކުތުމުގެ ކުރީން އެއްޗެއް ކާލައިގެން ދިއުން ރަނގަޅުވާނީ." ޒަރަކްގެ މޭޒުގެ އެއްފަރާތުގައި ހުރި ކޮތަޅު ދައްކާލި އެވެ.

"ހައު ކުޑް އައި ޕޮސިބްލީ..." ރަހާ އެއްޗެއް ބުނަން އުޅުނެވެ. އޭނާ ހުއްޓުވީ ޒަރަކް އެވެ.

"ތިހާ ބޮޑަށް ނުވިސްނަބަލަ. ހިނގާ... އަހަރެން ވެސް ކާނަން. އަދި ހަމަ އެ ހުރީ ހޫނުކޮށް." ޒަރަކް ބުންޏެވެ.

"އެކަމަކު..." ރަހާއަށް ބުނެވުނެވެ.

"އަހަރެން ވެސް އަދި ނުކައި މިއުޅެނީ. މިވަގުތު ގެއަށް ދިޔަޔަސް އެކަކުވެސް ނޫޅޭނެ. އެކަނި ކެއުމަށްވުރެ ކެއުމުގައި ބައިވެރިވާނޭ ފަރާތަކާއެކު ޚިއްޞާ ކުރުމުން ކާއެއްޗެހީގެ ރަހަ މީރުވާކަމަށްވަނީ. އިހަށް ފެންފޮދެއް ބޯލައިގެން ކާންފަށައްޗޭ. މިވަގުތު ރަހާގެ ކަރުތެރެ ހުންނާނީ ވަރަށް ހިކިފައި." ޒަރަކް ގޮނޑިން ތެދުވެ މޭޒުމަތީ ހުރި ކޮތަޅު ހިފައިގެން އައިސް ސޯފާގައި އިށީނެވެ. އަދި ކޮތަޅުގެ ތެރޭގައި ހުރި ތަށިބަރި އޭނާ ނަގައިފި އެވެ. ސޯފާ ކައިރީ ދިމާއަށް ހުރި ތިރި މޭޒުގައި ތަށިބަރީގެ ބައިތައް ވަކިކޮށް ތަށިތައް އަތުރަންފެށި އެވެ.

"ޑަކްޓަރ ކީއްވެތަ ތިހާ ރަނގަޅީ. ބައެއް ފަހަރު ވަރަށް އުނދަގުވޭ ޑަކްޓަރ ކެއާކުރާވަރު ފެނިފައި... އެ ކައިންޑްނެސް ބަލައިގަންނަން." ރަހާއަށް ބުނެލެވުނެވެ.

"ކައި ނިންމާފައި ޝުކުރިއްޔާއޭ ބުންޏަސް އަހަރެންނަށް ފުދޭނެ. އަވަހަށް ފަށާ." ރަހާގެ އަތަށް ސަމްސަލެއް ލައިދެމުން ޒަރަކް ބުންޏެވެ.

ޒަރަކްގެ މި ދަޢުވަތު ރަހާ ޤަބޫލުކުރި އެވެ. ދެ މީހުން ކެއުމުގައި ބައިވެރިވަމުން ދިޔަ އެވެ. ޒަރަކް ވާހަކަދެއްކީ ވަރަށް ވިސްނާފަ އެވެ. ރަހާ ގަޔާނުވެދާނެތީ އެވެ.

"މީ... ފިރިމީހާ ކައިރީ ބުނީތަ؟." ޒަރަކް އަހާލި އެވެ.

"ބުނާނަން. އެކަމަކު އަދިއެއްނޫން." ރަހާ ބުންޏެވެ. ވާކިފް ދަތުރު ނިންމާފައި އައުމުން ރަނގަޅު ވަގުތެއް ހޯދައި އެ ވާހަކަ ދެއްކުމުގެ ވިސްނުން ރަހާ ގެންގުޅެ އެވެ. އެހެންވިޔަސް އެ ތަފްޞީލް ޒަރަކްއާ އޭނާ ޚިއްޞާ ނުކުރީ އެވެ.

"ރަނގަޅަށް ކާތި. އަހަރެން މިއަދު މިއުޅެނީ ކާރުގައި. ގެއަށް ދެން ދާނީ. ހިނގާ ރަހާ ގެއަށް ގެންގޮސްދޭނަން." ޒަރަކް ބުންޏެވެ.

"ނޫން. އަހަރެން..." ރަހާ ވަގުތުން ދެކޮޅު ހަދަން މަސައްކަތް ކުރި އެވެ.

"އަހަރެންނަށް އުނދަގުލެއްނުވާނެ. އަހަރެން ރަހާ ގޮވައިގެން އެހެންތަނަކަށް ދާނަމޭއެއްނޫނެއްނު މިބުނީ. އައިމް ޖަސްޓް ސެންޑިން ޔޫ ބެކް ހޯމް. އެވަރު ކަމެއް ޤަބޫލުކޮށްބާ." ޑަކްޓަރ ޒަރަކް ބުންޏެވެ.

ރަހާއަށް ބުނާނޭ އެއްޗެއް އެވަގުތު ވިސްނުމަކަށް ނައެވެ. އޭނާގެ ހިމޭންކަން ޒަރަކް ނެގީ ރުހުން ދިނީ ކަމުގަ އެވެ. ކައި ނިންމާލާފައި ތަށިބަރި ޕެކްކޮށްލަމުން އެ ނެގި ކޮތަޅަށް އަލުން ލީ ޒަރަކްގެ ދެ އަތުންނެވެ. ދެން އޭނާ ކުލިނިކުން ނުކުންނަން ތައްޔާރުވެލި އެވެ. ކެބިންއިން ނުކުންނަމުން ބޮކިތައް ނިވާލާފައި ޒަރަކް ހިނގައިގަތް އިރު އޭނާގެ ކަނާއަތް ފަރާތުގައި ހުރެ ރަހާ ކުރިޔަށް ހިނގައިގަތެވެ. ކުލިނިކުން ދެ މީހުން ނުކުތީ އެކީގަ އެވެ. އިރުއޮއްސި އަނދިރިކަން ދުނިޔެއަށް ވެރިވެފައިވާތަން ރަހާއަށް ފެނުނީ ދެނެވެ. ގަޑިތަކުންވީއިރެއް ބަލާލަން ހިތަށް އެރީ ދެނެވެ. މިފަހަރު ޒަރަކް އެދުނީ ކާރު ޕާކުކޮށްފައި އޮތް ހިސާބަށް އޭނާއާއެކު ރަހާ އައުމަށެވެ. އެހެންވެ ކުލިނިކު ދޮރުމަތީ މަޑުނުކޮށް ޒަރަކްއާއެކު ރަހާ އައެވެ. ކުރީން ފަހަރެކޭ އެއްގޮތަށް ރަހާ އެރުމަށް ޒަރަކް ހުޅުވައިދިނީ ކުރީ ސީޓުގެ ދޮރުފަތެވެ. އޭނާ އެރުމާއެކު ޒަރަކް ދޮރުފަތް ލައްޕާލާފައި ޑްރައިވަރު ސީޓަށް އަރައިފި އެވެ.

"ތިކަހަލަ ޑަކްޓަރެއް ބޭނުންވެފައި ވަރަށް ގިނަ އަންހެންކުދީން ތިބޭނެކަން ޔަޤީން. ހިތަށް އަރާ ހުރިހާ ރަނގަޅު ޑަކްޓަރުން، ޒަރަކްއާ ޕުޝީ ވާނެބާއޭ." ކާރުގައި ދަތުރު ކުރިޔަށް ދަނިކޮށް ރަހާ ވާހަކަދެއްކި އެވެ.

"ޑަކްޓަރަކަށް ވިޔަސް ތި ހީކުރާހާ ނަސީބު ރަނގަޅެއްނޫން. ރަހާ ބުނެބަލަ... ރަހާ އަހަރެންނަށް ފޯލްވެދާނެ. އަހަރެންގެ އެކަހަލަ ގޮތެއް އެބަހުރިތަ؟." ހުންގާނުގައި ހިފަހައްޓައިގެން މަގަށް ސަމާލުކަން ދީގެން އިނދެފައި ރަހާއާ ޒަރަކް ބަދަލުކޮށްލީ އަވަސް ނަޒަރެކެވެ. އޭނާގެ އެ ވާހަކައިން ރަހާ ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ އެވެ. ރަހާގެ ދުނިޔެއަކީ ވާކިފް އެވެ. ކައިވެންޏަށްފަހު އޭނާ އެހެން ފިރިހެނަކާ މެދު ފިކުރު ހިންގާލާފައެއް ވެސް ނެތެވެ. ބުރަސޫރަ ރީތި ޤާބިލް ޒުވާނުން އޭނާއަށް ނުފެންނަނީކީ ނޫނެވެ. ރަހާ ޝައުގު ފިރިމީހާނޫން މީހަކަށް ދެވިފައިނެތީމަ އެވެ. ކުއްލިއަކަށް ޒަރަކްގެ އެ ސުވާލަށް ދޭނޭ ޖަވާބެއް ރަހާއަށް ނޭނގުނީ އެހެންވެ އެވެ.

"ހާދަ ހާސްވީ... އެއީ އަހަރެން މަޖަލަކަށް ބުނެލި އެއްޗެއް. ރަހާ ވެސް ތީ އަންހެނެއްވީމަ. އަންހެންކުދީން އަހަރެން ކަހަލަ ޑަކްޓަރެއް ސިފަކުރާނި ކިހިނެއްބާއޭ ހިތަށް އެރީ. މާބޮޑު މާނައެއްލާފައި އަހާލީއެއްނޫން." ޒަރަކް ހިނިތުންވެލި އެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345