ތާރީހު

ޕާސެޕޮލިސް: ގަދަފަދަ ފާރިސީ ރަސްކަމުގެ ވެރިރަށް

ޕާސެޕޮލިސް ހަނދާނީ މަރުކަޒެއްގެ ބައެއް
0%
0%
0%

ގެއްލި ގޮސްފައިވާ ތާރީޚުގެ ތެރޭގައި ފޮރުވިފައިވާ އަޖައިބެއްގެ ގޮތުގައި، ޕާސެޕޮލިސްއަކީ އީރާނުގެ ފަޚުރުވެރި މާޒީ އެކެވެ. ދެކުނު އީރާނުގެ ފާސް ޕްރޮވިންސްގައި، ޝިރާޒު ސިޓީއާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ މި ތަނަކީ ކޮންމެ ފަތުރުވެރިއެއްގެ ހިތުންވެސް ޖާގައެއް ލިބޭ ރީތި ތަނެކެވެ.

ފާރިސީ ރަސްކަމުގެ ހައިބަތު ދައްކުވައިދޭނެ ނިޝާނެއްގެ ގޮތުގައި، ޕަސެޕޮލިސް ބިނާކުރީ ރަސްގެފާނު ދަރިއުސް އެއްވަނައިގެ އަމުރުފުޅަށެވެ.

ދަރިއުސްއަކީ ފާރިސީ ސައިރަސް ދަ ގްރޭޓްގެ ދަރިއެއް ނޫނެވެ. ނަމަވެސް އޭނާ އަމިއްލަ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ރަސްކަމުގެ ތަޚުތު ހޯއްދެވި އެވެ.

ދަރިއުސްއަށްފަހު، ޒަކްސީސް އެއްވަނަ، އާޓަޒަކްސީސް އެއްވަނަ އަދި ތިންނަ ފަދަ ފާރިސީ ރަސްރަސްކަލުން މި ރަށް އިތުރަށް ޒީނަތްތެރިކޮށް މުހިއްމު އިމާރާތްތައް ބިނާކުރެއްވި އެވެ.

ޕަސެޕޮލިސްއަކީ ފާރިސީ އާންމު ރައްޔިތުން ދިރިއުޅުމަށް ބިނާކުރެވުނު ޝަހަރެއް ނޫނެވެ. މިއީ ފާރިސީ ރަސްކަމުގެ ރަސްމީ އަދި ޝަރަފުވެރި ކަންތައްތަކަށް އެކަނި ބޭނުންކުރެވުނު މަރުކަޒެކެވެ. އަހަރުގެ ވަކި ވަގުތުތަކުގައި ހާއްސަކޮށް ނައުރޫޒް (ފާރިސީ އައު އަހަރު) ފަދަ މުހިއްމު ދުވަސްތަކުގައި މި ރަށަކީ އުފާވެރިކަމާއި ޝަރަފުގެ މައި މަރުކަޒަށް ވެގެންދެ އެވެ.

އެ ތަނުގައި ހުރި އެންމެ މަޝްހޫރު އިމާރާތަކީ "އަޕަދާނާ" އެވެ. އަދި އެއީ އެންމެ ބޮޑު ގަނޑުވަރެވެ. އެ ބިނާގެ ފުރާޅު ހިފެހެއްޓިފައި ހުރީ 72 ބޮޑެތި ރީތި ތަނބުންނެވެ. މި އިމާރާތުގެ ބޮޑުމިން 1،000 އަކަ މީޓަރަށް ވުރެ ބޮޑެވެ.

"ގޭޓް އޮފް އޯލް ނޭޝަންސް" އަދި "ސްޓެއާސް އޮފް އޯލް ނޭޝަންސް" އަކީވެސް ވަރަށް މަޝްހޫރު ތަންތަނެވެ. ޒަކްސީސް އެއްވަނައިގެ އަމުރުފުޅަށް ބިނާކުރެވުނު މި ތަންތަނުގައި، ފާރިސީ ރަސްކަމުގެ ދަށުގައި އޮތް އެކި ސަރަހައްދުތަކުން ވެދުމަށް ގެންނަ ކުރެހުންތައް ފެންނަން ހުރެ އެވެ. މީގެ އިތުރުން "ތަޗަރާ" ގަނޑުވަރާއި ރަސްކަމުގެ ޚަޒާނާތައް ވެސް ރައްކާކުރެވިފައި ހުންނަނީ މިތަނުގަ އެވެ.

"ޕަސެޕޮލިސް" މި ނަމަކީ ގްރީކް ބަހުން ދެވިފައިވާ ނަމެކެވެ. މީގެ މާނަ އަކީ "ފާރިސީންގެ ރަށް" އެވެ. ފާރިސީ ބަހުން މި ތަނަށް ކިޔަނީ "ތަޚުތެ ޖަމްޝީދް" އެވެ. ޖަމްޝީދަކީ ފާރިސީ އަސާރީ ވާހަކަތަކުގައި އަންނަ ރަސްކަލެކެވެ.

ޕަރޕޮލިސްއިން ވަރަށް މުހިންމު ލިޔުންތަކެއް ވެސް ފެނިފައިވެ އެވެ. ރަސްރަސްކަލުންގެ އަމުރުފުޅަށް ތައްޔާރުކުރެވުނު މި ލިޔުންތަކުގައި ރަސްކަމުގެ އިމާރާތްކުރުމުގެ މަސައްކަތާއި ޒޮރޯއަސްޓްރިއަނިޒަމް ދީނުގެ ވާހަކަތައް ހިމެނެ އެވެ. "ޕަސެޕޮލިސް ފޯޓިފިކޭޝަން އާކައިވް" މިނަމުގައި ހާހުން ގުނާ އިދާރީ ހިސާބުތަކުގެ ލިޔެކިޔުންތައް ފެނިފައިވެ އެވެ. އެ ލިޔުންތަކަކީ ގިނައިން އީލަމީ ބަހުން ހުރި ލިޔުންތަކެކެވެ. މި ލިޔުންތަކުން ދަރިއުސް އަދި ޒަކްސީސްގެ ވެރިކަމުގެ ފާރިސީ ރަސްކަމުގެ އެތެރޭގެ ހިންގުމުގެ ކަންތައްތައް ދެނެގަނެވިފައިވެ އެވެ.

ފާރިސީ ރަސްކަމަކީ އޭގެ ޒަމާނުގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ވެރިކަމެވެ. އެތައް ގަރުނެއްގެ މުއްދަތަކަށް ދުނިޔޭގެ އެންމެ ދުރު ކަންކޮޅުތަކަށް ބާރު ފޯރުވުނު ނަމަވެސް، މީލާދީން ކުރިން 331 ވަނަ އަހަރު މެސެޑޯނިއާގެ އެލެގްޒެންޑަ ދަ ގްރޭޓްގެ އަތުން މި ރަސްކަން ވެއްޓުނެވެ. އެލެގްޒެންޑަ ދަ ގްރޭޓްގެ ހަމަލާއިން ޕަސެޕޮލިސް އަނދައި ހަލާކުވެގެން ދިޔަ އެވެ. މިއަދު ޕަސެޕޮލިސް އޮތީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ތަނެއްގެ ގޮތުގައި، ފާރިސީ ރަސްކަމުގެ މަތިވެރި ތާރީހުގެ ހަނދާނެއްގެ ގޮތުގައެވެ.

މިއީ ފެށުމެއް ނެތް ނިމުމެއް ނެތް ތާރީހުގެ ވަރުގަދަ މަންޒަރެކެވެ. ޕަސެޕޮލިސްގެ ބިނާތަކަށް ބަލާއިރު، އިންސާނީ ވިސްނުމާއި ހުނަރުވެރިކަން ކިހާ މަތިވެރިވެފައިވާ ކަމެއްކަން އެނގެ އެވެ. މިއަދުވެސް މި ތަނަކީ އެކި ގައުމުތަކުގެ އެތައް ފަތުރުވެރިން ޒިޔާރަތްކުރާ ތާރީހީ ތަނަކަށް ވެފައިވެ އެވެ. އެއްޒަމާނެއްގައި މުޅި ދުނިޔެއަށް ނުފޫޒުފޯރުވި މި ޝަހަރުންވެސް އަޅުގަނޑުމެންނަށް އިބުރަތްތެރި އެތަކެއް ފިލާވަޅުތައް ލިބެ އެވެ. އާރާއި ބާރަކީ އަބަދު ދެމި އޮންނަ އެއްޗެއް ނޫންކަމާއި އިސާހިތަކު އެކަންކަންވެސް ނެތިދާނެކަން ޕަސެޕޮލިސްއިން ހަނދާންކޮށްދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345