މޯލްޑިވްސް ޕޮލިސް ސާވިސް

ރިޓަޔާ ކުރާ ފުލުހުން ދައުލަތުގެ މަގާމެއް ފުރާނަމަ އިނާޔަތް ނުލިބޭ ގޮތަށް ހަދަނީ

Mar 24, 2016

ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ވަކިވާ މީހަކު ދައުލަތު އެހެން މަގާމެއް ފުރާ ނަމަ، ފުލުހުންގެ ރިޓަޔަމަންޓް އިނާޔަތްތައް ނުލިބޭ ގޮތަށް ގާނޫނަށް އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ފުލުހުންގެ ގާނޫނުގެ 61 ވަނަ މާއްދާގެ ނ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުގައި، ޝަރަފުވެރި ކަމާ އެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހަކު ދައުލަތުގެ އެއްވެސް މަގާމެއް އަދާކުރަން ފަށާ ދުވަހުން ފެށިގެން، އޭނާ ވަޒީފާގައި ދެ މިހުންނަ މުއްދަތުގައި އެ މީހަކަށް ފުލުހުންގެ ގާނޫނާއި ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ލިބެން ޖެހޭ އެއްވެސް ހާއްސަ އިނާޔަތެއް އަދި އިމްތިޔާޒެއް ނުލިބޭނެ އެވެ.

ފުލުހުންގެ ކޮމިޝަނަރުކަން ދާދިފަހުން ކުރެއްވި ހުސެން ވަހީދު ވަނީ ރިޓަޔަމަންޓް އިނާޔަތްތައް ހޯދުމަށް ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް އޭނާ އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. ފުލުހުންގެ ތެރޭގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނަރުކަން ކުރެއްވި އަބްދުﷲ ރިޔާޒަކީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރެވެ. ސިފައިންގެއިންނާއި ފުލުހުންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވި ބައެއް ބޭފުޅުން ދައުލަތުގެ މަގާމުތައް ފުރުއްވަމުން ގެންދަވަ އެވެ.