ދައުލަތުގެ ހަރަދުގައި ކުދިން ބައިތިއްބަން ހުޅުމާލޭގައި ދާދި ފަހުން ހުޅުވި ކުޑަކުދިންގެ ހިޔާ އަށް ފިނޭންސް މުވައްޒަފުން ސާޅީސް ފަސް ހާސް ރުފިޔާ ހަދިޔާކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ އިސްނެންގެވުމެއްގެ ދަށުން ފިނޭންސްގެ ހުރިހާ މުވައްޒަފުން އެއްކުރި ފައިސާ ކުޑަކުދިންގެ ހިޔާއާއި ހަވާލުކުރީ މިއަދު ހުޅުމާޅެ ކުޑަކުދިންގެ ހިޔާ (ވިޔަވަތި) ގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. އެތަނުގެ ފަރާތުން އެހީ އާއި ހަވާލުވެވަޑައިގެންނެވީ ސީއީއޯ ޒީނާޒް އަދުނާން އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މިނިސްޓްރީން ކުޑަކުދިންގެ ހިޔާއަށް މިއަދު ވެދެއްވި އެހީއަކީ ފިނޭންސްގެ މުވައްޒަފުން ވަރަށް ބޭނުންވެގެން ދިން އެހީއެއް ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި މިފަހަރުގެ އިވެންޓަކީ މިނިސްޓަރު އަބްދުﷲ ޖިހާދުގެ އިސްނެންގެވުމަކަށް ވާތީ ހުރިހާ މުވައްޒަފުންގެ ފަރާތުން މިނިސްޓަރަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިހާރު ތިރީހަކަށް ކުޑަކުދިން ތިބި އެ ހިޔާއަށް ފިނޭންސުން މިއަދު ދެއްވި އެހީއާ ގުޅިގެން ޒީނާޒް ވިދާޅުވީ، ހިޔާގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީގެ އިސްނެގުން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ހުުމާލެ ކުޑަކުދިންގެ ހިޔާއަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ޖިހާދު ވަނީ އެތާނގައި ދިރިއުޅޭ ކުދިންގެ ހާލު އޮޅުންފިލުވައި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.