ސްރީލަންކާއިން އެމެރިކާއާ އެކު ދަމަހައްޓަމުން އަންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ތައްޔާރު ކަމަށް އެ ގައުމުން ބުނެފި އެވެ.
ސްރީލަންކާއިން މިހެން ބުނެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމަވައި، އެކަން ތަންފީޒުކުރަން ފައްޓަވާފައިވާ ދަނޑިވަޅެއް ގައެވެ.
ސްރީލަންކާގެ ފައިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެމެރިކާއަށް އެތެރެކުރާ ލަންކާގެ މުދަލުން ނަގާ ޓެރިފް ރޭޓް އިތުރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމުމާ ގުޅިގެން ސްރީލަންކާ އިން ބޭރުކުރާ ތިން ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
އެމެރިކާ ސަރުކާރުގެ ނިންމުމާ ގުޅިގެން ސްރީލަންކާއާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކަށް ހީނަރުކަމެއް އަންނާނެ ކަމަށްވެސް ލަންކާގެ ފިނޭންސް މިނިސްޓްރީން ލަފާ ކުރެ އެވެ. އެހެންވެ އެއީ ލަންކާއަށް ކުރިމަތިވާނެ އިތުރު މައްސަލަތަކަކަށް ވާތީ ލަންކާ އިން ވަނީ އެމެރިކާ ސަރުކާރާ މަޝްވަރާކޮށްގެން ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ފަށާފަ އެވެ.
ކޮވިޑް 19ގެ އާލަމީ ވަބާގެ ތެރޭގައި ލަންކާގެ އިގްތިސާދު މުޅިން އިނދަޖެހިގެން ގޮސްފައިވާތީ އެ ގައުމު އަލުން ނަގާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި މުޅި އިގްތިސާދު އަދިވެސް ހަމައަކަށް ނޭޅެ އެވެ. \
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް އެ ޤައުމުން ދަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނެއް ނެގުން ހިމެނެ އެވެ. މި ނިންމުމާއެކު ވޭތުވެދިޔަ އަހަރު ސްރީލަންކާގެ އިގްތިސާދު ފަސް ޕަސަންޓަށް ކުރިއަރާފައިވާ ކަމަށް ދައްކަ އެވެ.