އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިއުލާންކުރެއްވި އައު ވިޔަފާރި ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.
ޓެރިފްތަކާ އެކު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ވތެރޭގައި ތެލުގެ އަގަށް އައި ބަދަލުތަކަކީ އިގްތިސާދީ މާހިރުންގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމެކެވެ.
ފާއިތުވި ދުވަސްތަކުގައި ބްރެންޓް ފިއުޗާސްގެ އަގު 81 ސެންޓް ނުވަތަ 1.26 ޕަސަންޓުން އިތުރުވެ، ތެޔޮ ފީފާއެއް 65.02 ޑޮލަރަށް އަރާފައިވެ އެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑް ފިއުޗާސްގެ އަގު 92 ސެންޓް ނުވަތަ 1.52 ޕަސަންޓް އިތުރުވެ، ތެޔޮފީ ފާއެއް 61.61 ޑޮލަރަށް މަތިވެފައިވެ އެވެ.
ހޯމަ ދުވަހު ތެލުގެ އަގު 2 ޕަސަންޓް ދަށްވެ ފާއިތުވި 4 އަހަރުގެ ތެރޭގައި އެންމެ ދަށް އަގާ ހަމައަށް ދިޔަ ނަމަވެސް، މިހާރު އަނެއްކާވެސް އަގުތައް ހުރީ މައްޗަށް ހިފާފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އިމްޕޯޓްކުރާ ހުރިހާ މުދަލަކަށް މަދުވެގެން 10 ޕަސަންޓް އަދި ވަކި މުދާތަކަކަށް 50 ޕަސަންޓާ ހަމައަށްވެސް ޓެރިފް އިތުރު ކުރާނެ ކަމަށެވެ. މިއީ އެމެރިކާގެ އުފެއްދުންތައް އަލުން އިތުރުކޮށް އިގްތިސާދު ވަރުގަދަކުރަން އަޅުއްވާ ފިޔަވަޅެއް ކަމަށްވެސް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ޓްރަމްޕް ނިންމެވި ނިންމެވުންތަކަށް ޗައިނާ ފަދަ ބައެއް ގައުމުތަކުން ގެންދަނީ ރައްދުގައި ފިޔަވަޅުތައް އަޅައި އެމެރިކާ އިން ޗައިނާއަށް އެތެރެ ކުރާ މުދަލުގެ ޓެރިފް މައްޗަށް ޖައްސަން ނިންމާފަ އެވެ.
ޓްރަމްޕް ވަނީ ޗައިނާއިން އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ނުގެންގޮސްފިނަމަ އިތުރު ޓެރިފްތައް ތައާރަފް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ތެލުގެ އަގު މައްޗަށް ދިއުމުން ދިވެހިރާއްޖެ ފަދަ ތެޔޮ އިމްޕޯޓްކުރާ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް އަސަރުތަކެއް ކުރާނެ ކަމަށްވެސް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.