އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އިންޕޯޓް ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކެނެޑާއިން ވެސް، އެމެރިކާއާއި ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން އިންޕޯޓް ޑިއުޓީ ބޮޑުކޮށް އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
ކެނެޑާގެ އިތުރުން މެކްސިކޯ އަދި ޗައިނާއާ ދެކޮޅަށް ވެސް ވިޔަފާރީގެ ދާއިރާއިން ހަރުކަށި ފިޔަވަޅުތަކެއް ޓްރަމްޕްގެ ސަރުކާރުން ވަނީ އަޅާފަ އެވެ. މެކްސިކޯ އަދި ޗައިނާއިން ވެސް ވަނީ ޓްރަމްޕް އެޅުއްވި ފިޅަވަޅުތަކަށް ޖަވާބުދާރީވާނެ ކަމަށް ބުނެފަ އެވެ.
ކެނެޑާގެ ބޯޑަރުން އެތެރެކުރާ އެމެރިކާގެ ތަފާތު އެތައް މުދަލަކަށް 25 އިންސައްތައިގެ ޑިއުޓީއެއް ނުވަތަ ޓެރިފެއް ނެގުމަށް ކެނެޑާ ސަރުކާރުން މިހާރު ވަނީ ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި މާމުއި، މޭވާ އަދި ތަރުކާރީގެ ބާވަތްތަކާއި، އަންނައުނު އަދި ފާޚާނާ ތަށިފަދަ ތަކެތި ހިމެނެ އެވެ. މި ޓެރިފްތަކުގެ ސަބަބުން 155 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މުދަލަށް އަސަރުކުރާނެ އެވެ.
ކެނެޑާގެ ބޮޑުވަޒީރުން ޓްރޫޑޯ ވިދާޅުވީ އަވަށްޓެރިންނަށް އެމެރިކާ އިން ދަތިކުރާނަމަ އެމެރިކާ ރައްޔިތުންނަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން އެމެރިކާގައި ކާބޯތަކެތީގެ އަގުތަކާއި ތެލުގެ އަގުތައް އުފުލިގެންދާނެ ކަމަށާއި، އެއްގަމު އުޅަނދު އުފައްދާ ކާރުހާނާތައް ބަންދު ކުރަން ޖެހުމުގެ ނުރައްކާ އޮތް ކަމުގައިވެސް ވިދާޅުވި އެވެ. އޮ
ޓްރޫޑޯ އިތުރަށް ވިދާޅުވީ ޓްރަމްޕްގެ ސަރުކާރުން ކެނެޑާއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން ހީނަރުކޮށްލަން މަސައްކަތް ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޓްރަމްޕްގެ ހަރުކަށި ނިންމުންތަކާ ގުޅިގެން އެމެރިިކާގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ އެވެ. އެމެރިކާގެ ވިޔަފާރީގެ ބައިވެރިން ރުޅިއަރުވައިގެން އެއްބަޔަކު އަނެއްބައެއްގެ މުދަލުން ޑިއުޓީތައް ބޮޑުކުރަމުން ގެންދާނަމަ މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ތަޖުރިބަކާރުން ބުނެ އެވެ.