ގދ. ހޯޑެއްދޫ ކައުންސިލްގެ އިހްތިސާސްއަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ބަދަލު ގެނައުމަށް ހޯޑެއްދޫ ކައުންސިލުން ގޮވާލައިފި އެވެ.
ރައީސް ޑރ. މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި ވަނީ ހޯޑެއްދޫގެ އިހްތިސާސްގައި ކުރިން އޮތް އެ އަތޮޅު ކަޑެވާރެހާ، ހޯޑެއްދޫގެ އިހްތިސާސުން ވަކިކުރައްވާފަ އެވެ.
ކަޑެވާރެހާގައި އިންޓަގްރޭޓަޑް ޓޫރިޒަމު ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހޯޑެއްދޫގެ އިހްތިސާސަށް ބަދަލު ގެނައުމަށް ރައީސް މުއިއްޒު ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.
ރައީސްގެ ގަރާރާ ގުޅިގެން ހޯޑެއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސްގެ ނިންމެވުމަކީ އެއްވެސް މަޝްވަރާއެއް ނެތި، ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަތުން ކަމަށްވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
"މިކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ޔަގީން،" ބަޔާނުގައިވެ އެވެ.
ހޯޑެއްދޫ ކައުންސިލުން ބުނީ އެ ރަށުގެ އިހްތިސާސްގައި ކަނޑެވާރެހާ ހިމަނާފައި އޮތީ 2020 ވަނަ އަހަރު ކަމަށާއި ރައީސް މުއިއްޒުގެ ގަރާރަކުން އެ ރަށް އަތުލީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއް ނެތި ކަމަށެވެ.
ހޯޑެއްދޫގެ އިހްތިސާސްގައި ކުރިން އޮތް އެ އަތޮޅު ކަޑެވާރެހާ، ހޯޑެއްދޫގެ އިހްތިސާސުން ވަކިކުރަން ސަރުކާރުން ނިންމިއިރު ހޯޑެއްދޫ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީކުރަން ހޯޑެއްދޫ ކައުންސިލުން އޮތީ ސެޕްޓެމްބަރު 2024 ގައި ނިންމާފަ އެވެ. އަދި އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މީގެ ހައެއްކަ މަސް ކުރިން ހޯޑެއްދޫ ކައުންސިލުން އިއުލާންވެސްކޮށްފައިވެ އެވެ.