ޣައްޒާއަށް ކާބޯތަކެތީގެ އެއްވެސް މިންވަރެއް ވެއްދިޔަ ނުދެއްވާނެ ކަމަށް އިޒުރޭލުގެ މާލީ ވަޒީރު ބެޒަލެލް ސްމްތުރިޗް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ ކަންމައްޗެއްގައި ސިފައިން ބައިތިއްބައިގެން ނަމަވެސް، ޣާއްޒާއަށް ގޮވާމުގެ އޮއްޓަރެއްހާ ހިސާބުވެސް ވެއްދުން މަނާކުރައްވާނެ ކަމަށެވެ.
ޣައްޒާއަށް ކާބޯތަކެތި ވެއްދުން މިހާރު ވެސް އޮތީ ނުހަނު ދަތިވެފަ އެވެ. މިއަހަރު މާޗު ދެވަނަ ދުވަހުން ފެށިގެން އިޒުރޭލުން ވަނީ ޣައްޒާގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ.
މިހެން ކަންކުރުމުން، އިންސާނީ އެހީގެ ގޮތުގައި ގައުމުތަކުން ޣައްޒާ ފޮނުވާ ތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ މުހިންމު ބާވައްތައް ވަނީ ހުއްޓުން އަރައި ޣައްޒާއިން ހުސްވެފަ އެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ވެސް ޣައްޒާގެ ހާލަތު ހާމަކުރަނީ ނުހަނު ކަންބޮޑުވުމާ އެކު އެވެ. ޣައްޒާއަށް ބަލިމަޑުކަމުގެ ކާރިއާސާއެއް ތަޖުރިބާކުރަން ޖެހިދާނެ ކަމަށްވެސް ސިއްހީ އެހީދާ އޮފިޝަލުން ވިދާޅުވެ އެވެ.
ހާމާސްއާ އެކު ސުލްހަ ގާއިމުކުރަން އިޒުރޭލުން ކުރި މަސައްކަތްތައް އަމިއްލަ އަށް ފޭލިކުރުމަށް ފަހު ޔަހޫދީން ވަނީ ޣައްޒާގެ އާންމު ރައްޔިތުން މަރަށް ފަށާފަ އެވެ.
މި ގޮތުން މާޗު 18 އިން ފެށިގެން ދެމުންދާ ހަމަލާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. އަދި އަވަސް ފަރުވާއަށް 3،400 އަށް ވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލުތަކަށް ގެންގޮސްފަ އެވެ.
ބެޒަލެލް ސްމޮތުރިޗު ވިދާޅުވި ގޮތުގައި، ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން މިނިންވަންކުރުމަށް ވުރެ މުހިންމީ ހަމާސް ހައްތާލުން ކަމަށެވެ. އަދި ހަމާސްއަށް ވާގިވެރިވާ ބަޔަކު ޣައްޒާގައޮ ތިބި ނަމަ، ހަމަލާއަރާނެ ކަމަށް އުންމީދުކުރުމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސީރުން މިނިވަންކުރުމަކީ، ހަމާސް ނައްތާލުމަށް ފަހު ދެވަނައަށް އެންމެ މުހިންމު ވާޖިބު ކަމަށް ސްމޮތުރިޗް ވިދާޅުވި އެވެ؛
ޣައްޒާއިން ހަމާސްގެ ވަސް ފިލުވާލުމަކީ އެމެރިކާއާ ގުޅިގެން ހިންގާ އެޖެންޑާއެއް ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ. އިޒުރޭލު ކޮންމެ ފަދަ ކަމެއް ކުރި ނަމަވެސްް ހުއްޓުވާނެ ބަޔަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.