އިޒުރޭލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި 39 މީހަކު ވަނީ މަރުވެފަ އެވެ.
މިއީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ނައްތާލުމަށް ކަމަށް ބުނެ ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމު، އޮކްޓޯބަރު 2023 ގައި ފަށައިގަތް ފަހުން ކޮންމެ ދުވަހެއްގެ ވެސް ނަތީޖާ އެވެ.
މި ތާރީހުން ފެށިގެން މިއަދާ ހަމައަށް ޣައްޒާއިން 50،183 މީހަކު މަރުވެފައިވާކަން ރަސްމީ އިދާރާތަކުން -- ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިޒުރޭލުގެ ހަމަލާތަކުގައި މިހާތަނަށް 113،828 މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ހަމަލާތަކުގައި މަރުވާ މީހުންގެ އިތުރުން، ޒަޚަމްތަކާ އެކު ހޮސްޕިޓަލުތަކަށް މީހުން އުފުލުމަކީ ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ކޮންމެ ދުވަހެއްގެ ވެސް ޒިންމާ އެވެ.
ޣައްޒާއަށް ހަމަލާދިނުމުގައި އިޒުރޭލުން މިހާރު ގޮތެއް ފޮތެއް ނުބަލަ އެވެ. ހަމާސްގެ މަސްލަހަތު އޮންނަ ތަންތަން ކަމަށް ބުނެ އާންމު މާރުކޭޓުތަކަށާއި މަދަނީ ޚިދުމަތްދޭ ތަންތަނަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ.
ހެލްތު މިނިސްޓްރީން ބުނާ ގޮތުން ޣައްޒާގައި މަރުވާ ކޮންމެ މީހަކު ހިސާބުކުރުމަކީ އޮފިޝަލުންނަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
އިޒުރޭލުން ބޮންއެޅުމުގެ ސަބަބުން ވަޅުލެވިފައި ތިބި މީހުންނާއި، އިމާރަތްކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނާ ހިސާބަށް ދިއުން ސަލާމަތީ އޮފިޝަލުންނަށް ވެސް ރައްކާތެރި ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހަމާސް އާއި އިޒުރޭލާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރި މަސަައްކަތްތައް އުވާލައި އިޒުރޭލުން އެ ވަނީ ހަނގުރާމަ އަލުން ފަށާފަ އެވެ. މާރިޗު 18 ގައި ކުއްލި ގޮތަކަށް ފެށި ހަމަލާތަކުގައި ޣައްޒާއިން 830 މީހަކު ވަނީ މަރާފަ އެވެ. އަދި 1،800 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.