އިޒުރޭލު ސިފައިން ޣައްޒާއަށް އަލުން ހަމަލާދޭން ފެށުމާ ގުޅިގެން -- ފަލަސްތީނަށް ތާއީދުކުރާ މީހުން އެމެރިކާގެ ރިޔާސީ ގަނޑުވަރު -- ވައިޓް ހައުސް ދޮށަށް އެއްވެ ހަޅުތާލުކުރަނީ އެވެ.
ފަލަސްތީނާ މެދު އެމެރިކާ ގެންގުޅޭ ދެފުއްކެހެރި ސިޔާސަތު ދޫކޮށްލައި ޒަމާނީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ފަލަސްތީނާ މުއާމަލާތުކުރަން ހަޅުތާލުކުރާ މީހުން ދަނީ ގޮވަމުންނެވެ.
އެމެރިކާއިން ފަނާކުރަނިވި ހަތިޔާރު އިޒުރޭލަށް ނުފޮނުވުމަށާއި، ޣައްޒާއަށް ހަމަލާދިނުމުގައި އިޒުރޭލަށް ވާގިވެރިނުވުމަށް ވެސް މުޒާހަރާކުރާ މީހުން ދަނީ ގޮވަމުންނެވެ.
އޮކްޓޯބަރު 2023 ގައި އިޒުރޭލުން ޣައްޒާއަށް ދޭންފެށި ހަމަލާތައް އަހަރު ދުވަހުގެ މަޝްވަރާއަށް ފަހު، ހުއްޓާލައި އޮންނަތާ ދެމަހެއްހާ ދުވަސް ފަހުން، އިޒުރޭލު ސިފައިން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ހަމަލާދޭން ފަށާފަ އެވެ.
އަންގާރަ ދުވަހު ވައިގެ މަގުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 174 ކުޑަކުދިންނާއި 89 އަންހެނުން އަދި ދޮށީ އުމުރުގެ 32 މީހުން ހިމެނެ އެވެ.
އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އިޒުރޭލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަށް 50،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒުރޭލުގެ މި އަނިޔާވެރިކަން އޮކްޓޯބަރު 2023 ގައި ފެށުމަށް މެދުވެރިވީ ހަމާސްގެ އަމަލުތަކެވެ.
ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަނެ 200 އަށް ވުރެ މީހުން ވަނީ އަސީރުކޮށްފަ އެވެ. އަދި ޔަހޫދީންގެ ގިނަ ބަޔަކަށް އަނިޔާކޮށް ވަނީ ފޭރިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލާ އެކު ހެދި ސުލްހައި އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ބަޔަކު ހަމާސްއިން މިނިވަންކުރި ނަމަވެސް، އަދިވެސް 89 އަށް ވުރެ ގިނަ އަސީރުން ހަމާސްގެ އަށްދަށުގައި އަދިވެސް އެބަ ތިއްބެވެ.