އިޒުރޭލު ސިފައިން އެއްގަމު މަގުން އަނެއްކާވެސް ޣައްޒާއަށް އަރައިގަންނަނީ އެވެ. މިއީ އިޒުރޭލާ، ހަމާސްއާ ދެމެދު ވެފައި އޮތް ސުލްހައިގެ އެއްބަސްވުމާ މުޅިން ޚިލާފު އަމަލެއް ނަމަވެސް، ޔަހޫދީން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
ހަމާސްއާ އެކު ވެފައި އޮތް އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމަށް ފަހު އިޒުރޭލުން މިހާރު ދަނީ ޣައްޒާއަށް ބޮންއަޅައި ބިނާތައް އަންދައި ސުންނާފަތިކުރަމުންނެވެ. މި ހަމަލާތަކުގައި ދެ ދުވަހުގެ ތެރޭގައި ޣައްޒާއިން 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒުރޭލުގެ ދިފާއީ ބާރު، އައިޑީއެފުން ބުނާ ގޮތުން ވައިގެ ހަމަލާތަކުގެ އަމާޒަކީ ހަމާސްއާ ގުޅުން ހުރި ތަންތަނެވެ. ހަމާސްގެ މެންބަރުން މުއާމާލާތްކުރަން ބޭނުންކުރާ ވަސީލަތްތަކާއި އެ މީހުންގެ ހަތިޔާރު ގުދަންތަކެވެ.
ނަމަވެސް، ތަޖުރިބާކާރު ސިޔާސީ މުވައްކިރުން ބުނާ ގޮތުން، ސުލްހައިގެ އެއްބަސްވުމަށް ދެމަހެއްހާ ދުވަހު އަމަލުކުރުމަށް ފަހު އިޒުރޭލުގެ ވިސްނުން ބަދަލުކޮށްފައި މި ވަނީ އެމެރިކާއާ ގުޅިގައި އޮތް އެހެން ވިސްނުމަކާ ހެދި އެވެ.
މެދުއިރުމަތި ދިރާސާކުރާ މީހުން ބުނާ ގޮތުން އިޒުރޭލުގެ ހަމަލާތަކަކީ ޣައްޒާއިން މީހުން ހުސްކުރަން ދޭ ހަމަލާތަކެކެވެ. މިއީ އިޒުރޭލު މެދުވެރިކޮށް އެމެރިކާއިން ކުރުވާ ކަމަކަށް ވާތީ ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބޭ އަނިޔާތައް ހުއްޓުވާނެ ބަޔަކު ނުވާނެ އެވެ.
އިޒުރޭލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަަރައިގަތުމަށް ފަހު، އާންމު ރައްޔިތުން އެ ބިމުން ބޭލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އެދިވަޑައިގަންނަވާ ގޮތެވެ.
ޔަހޫދީންގެ އިންޒާރަކީ ޣައްޒާ ދޫކޮށް ދިއުމެވެ. ނުވަތަ ޣައްޒާގެ ބިމުގައި ވަޅުލެވުމެވެ.
އިޒުރޭލުން ހަމަލާތައް އަލުން ފަށައިގަތީ ސުލްހައިގެ އެއްބަސްވުމަށް ހަމާސްއިން އަމަލުނުކުރާ ކަމަށް ބުނެ އެވެ. ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން ދޫކުރުމުގައި ހަމާސްއިން ގެންގުޅެނީ ސުލްހައިގެ އެއްަބަސްވުމާ ޚިލާފު ފިކުރެއް ކަމަށް ޔަހޫދީން ބުންޏެވެ.
ނަމަވެސް، ޣައްޒާ މުޅިން ހުސްކޮށް ޒަމާނީ ސިޓީއަކަށް ޣައްޒާ ބަދަލުކުރުމަކީ ފޮރުވިފައި އޮތް ސަބަބެވެ. މިއީ ޣައްޒާއާ މެދު ޑޮނަލްޑް ޓްރަމްޕް ވިސްނަވާ ގޮތެވެ.
ޣައްޒާއިން މީހުން ހުސްކުރުމަކީ އެމެރިކާ ބޭނުންވާ ގޮތަށް -- އަރަބި ގައުމުތަކާ މަޝްވަރާކޮށްގެން ކުރެވެން ނެތް ކަމަކަށް ވާތީ އިޒުރޭލު ލައްވައި އެ މަސައްކަތްކުރުވަނީ އެވެ.