ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅު ގައެވެ.
ރައީސް ވިދާޅުވީ ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ އަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދި، ދެމެހެއްޓެނިވި ތަރައްގީގެ އާ ސޮފްހާއެއް ހުޅުވިގެންދާނެ ކަމަށެވެ.
ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ގައުމުތަކެއް ކަމަށާއި އޭގެ އިތުރުން މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްގީ ކަށަވަރުކުރުމަކީ އެފަދަ ގައުމުތަކަށް ހައްސާސް މައްސަލައެއް ކަމަށްވެސް ވިދާޅުވި އެވެ.
"ލަސްނުކޮށް ޑީއެސްއެސްއެސްގެ މަސައްކަތް ފަށައިގަތުންވެސް މުހިއްމު. ދަރަނީގެ މައްސަލަތައް ހައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މުހިއްމު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ސިޔާސީ ބަދަލުތަކާއެކު ގިނަ ފަރާތްތަކާ ގުޅިގެން މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދަންޖެހޭ ކަމަށެވެ. އެހެންކަމުން ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށަހެޅީ ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ގައުމުތަކަށް އިސްކަންދިނުމުގެ ގޮތުގައި ކަމުގައިވެސް ވިދާޅުވި އެވެ.
"މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން ކޮންމެ ގައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެ ހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި، އޭގެ ސަބަބުން އެފަދަ ގައުމުތަކުގެ މާލީ ފުދުންތެރިކަން ގާއިމުވުމަކީ އަމާޒެއް. އަދި މިފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ގާއިމުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް (އެފްއެފްޑީ 4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. މި މަސައްކަތަށް މިހާރުވެސް ގިނަ ގައުމުތަކުން ރުހުން ލިބިފައިވީ ނަމަވެސް އިނޮވޭޓިވް ޑެޓް މެކޭނިޒަމްތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިއްމު ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސްހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، އަޅުގަނޑުމެންގެ މުސްތަގުބަލު ރައްކާތެރި ކުރުމަށްވެސް ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ގައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާ އެކެވެ. ދިވެހިރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއާ އެވެ.