އަލިފާން ރޯވެ، އަނދާ ހުލިވެ އަޑިއަށް ދިޔަ "ހޮޅުދޫ ބޯޓު" އިން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ ކަށު ނަމާދު އަންނަ ހުކުރު ދުވަހު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ލ. މާވަށަށް ނިސްބަތްވާ މުޝްފިގުގެ މައްޗަށް ޣައިބްގައި ކަށުނަމާދު ކުރަން ކުރިން ނިންމާފައި އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު އެވެ.
ނަމަވެސް އުމުރުން 25 އަހަރުގެ މުޝްފިގަށްވީ ގޮތެއް އަދިވެސް މުޅިން ސާފުވެފައި ނުވަތީ އާއި މުޝްފިގު މަރުވި ކަމަށް ގާޒީއަކު އަދި ކަނޑައަޅާފައި ނުވާތީ ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މުޝްފިގު އާއިލާއަށް ލަފާ ދެއްވުމުން އާއިލާ އިން ކަށު ނަމާދު ފަސްކުރީ އެވެ.
ޑރ. ޝަހީމް މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޝްފިގުގެ ކަށު ނަމާދު މިއަދު ނުކޮށް ފަސްކުރީ އޭނާ، މުޝްފިގުގެ އާއިލާއާ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމުން ކަމަށެވެ. އެ ހާދިސާއާއި ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށްފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އިންޝާ ﷲ މުޝްފިގުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ މުޝްފިގަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެެއް ކަމާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށެވެ. މުޝްފިގު ގެއްލުނު ހާދިސާއަކީ އޭނާގެ އާއިލާގެ އިތުރުން އެންމެންނަށްވެސް ލިބުނު ހިތާމައެއް ކަމުގައިވެސް ވިދާޅުވި އެވެ.