ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.
އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާއިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިފަ އެވެ.
އިމިގްރޭޝަނުން އެގޮތަށް އެދިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބޭރަށް ދަތުރުކުރުމަށްފަހު އަލުން ރާއްޖެ އަންނައިރު ބިދޭސީ މީހާއަށް އެކަމުން ފަސޭހަތަކެއް ލިބި ދިމާވެދާނެ ގާނޫނީ މައްސަލައަކުން ސަލާމަތްވެ ތިބެވޭނެ މަގެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްވެސް އިމިގްރޭޝަނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 6،100 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފަ އެވެ.