އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުން ޓިކްޓޮކްގެ އިސް ވަފްދަކާ ބައްދަލުކޮށް، ރާއްޖޭގައި ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުމުގައި ޑިޖިޓަލް މޮނިޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމާއި، ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ފުރިހަމަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބި ނަމަވެސް މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ހޯދާނެ ފަސޭހަ ގޮތްތަކެއް ނެތުމަކީ ގޮންޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކައި ޓިކްޓޮކް ރީޖަނަލް އޮފީސްތަކާ ވާހަކަދައްކަން ފަށާފައިވާއިރު ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ ކުރިން ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުންވެސް ފައިސާ ހޯދޭނެ ގޮތްތަކާއި، ޕޭޕާލް މެދުވެރިކޮށް ފައިސާ ޖަމާކޮށް ނެގޭނެ ހިދުމަތް ރާއްޖޭގައި ފެށުމާ ގުޅޭގޮތުންވެސް މަޝްވަރާތައް ކޮށްފައިވެ އެވެ.