އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ރައްޔިތުންގެ މަޖިލީހަށް މިއިސްލާހު ހުށަހެޅީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ.
މި ބިލް ދިރާސާކުރަން 241 ކޮމިޓީއަށް ފޮނުވިތާ އެތައް ދުވަހެއް ފަހުން ކޮމިޓީން އިސްލާހު އިއްޔެ ފާސްކުރީ އިތުރު އިސްލާހުތަކަކާ އެކު އެވެ. ކޮމިޓީން ގެނައި އިސްލާހުތަކާ އެކު ބިލް ހުށަހެޅި މަގުސަދާއި ބޭނުން ކެނޑިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ކޮމިޓީން ގެނައި މައިގަނޑު އިސްލާހަކީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ. ކޮމިޓީން މިހާރު ފާސްކުރީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށެވެ.
ކޮމިޓީން ނިންމި ގޮތަށް އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ އިއްތިފާގުން މިއިސްލާހު ފާސްކޮށްފައި މިވަނީ އިޒުރޭލު ޕާސްޕޯޓް މަނާކުރުން ފަސްކުރަމުންދާތީ ބައެއް އާންމުން ސަރުކާރަށް ފާޑުކިޔަމުންދާ ވަގުތެއްގައެވެ.
މަޖިލީހުން ބިލް ފާސްކުރިތާ ތިން ގަޑިއެއްހާއިރު ތެރޭގައި ރައީސް މުއިއްޒު ވަނީ މިއަދު ބިލް ތަސްދީގު ކުރައްވާފަ އެވެ. މިބިލް ތަސްދީގު ކުރުމާ އެކު އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާވާނެ އެވެ.