ހަބަރު

މާލީ އަދި ވިޔަފާރި ދާއިރާގެ ނަމޫނާ އަންހެން ލީޑަރުންގެ ގޮތު 16 ބޭފުޅަކު ހޮވައިފި

  • 16 ބޭފުޅުންގެ ޑޮކިއުމެންޓްރީއެއް ހަދާނެ
  • އެވޯޑް ލިބުނީ އިސް ހަރަކާތްތެރިންނަށް
  • އެވޯޑަށް 90 އަންހެނަކު ނަން ހުށަހެޅި

ރާއްޖޭގެ ފެންވަރުގައި މާލީ ދާއިރާއާއި އިގްތިސޯދީ ދާއިރާއިން ނަމޫނާ މަސައްކަތްތަކެއް ކުރާ 16 އަންހެން އަންހެނަކަށް ވިމެން އޮން ބޯޑްސް (ޑަބްލިއުއޯބީ) އިން ރޭ އެވޯޑު ދީފި އެވެ. ވިޔަފާރިއާއި މާލީ ދާއިރާގައި ލީޑަރުންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުކުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިއުއޯބީ އިން ރޭ އެވޯޑު ދިން އަންހެނުންނަކީ ކުންފުނިތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަންހެންބޭފުޅުންނަށާއި އެހެން މީހެއްގެ ހިއްސާވުމެއް ނެތި އަމިއްލަ މަސައްކަތުން ވިޔަފާރިއެއް ފަށައި ފުޅާކޮށް ހިންގަމުންދާ ހިދުމަތްތެރީންނެވެ.

އެ ބޭފުޅުންނާބެހޭ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރަން ނިންމައި ޑަބްލިއުއޯބީ އިން ވަނީ ރޭ "ލީޑިން ވިމެން އިން ބިޒްނަސް އެންޑް ފިނޭންސް ޑޮކިއުމެންޓްރީ"ގެ ނަމުގައި ޑޮކިއުމަންޓްރީއެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ޑޮކިއުމަންޓްރީގެ މަސައްކަތް ފެށޭ އޭޕްރީލް މަހުގައި ފަށައިގެން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި އާންމުކުރާނެ ކަމަށް ޑަބްލިއުއޯބީ އިން ބުންޏެވެ.

ލީޑިން ވިމެން އިން ބިޒްނަސް އެންޑް ފިނޭންސް އެވޯޑް ހާސިލްކުރެއްވި ފަރާތްތައް

ޑރ. އަޒީމާ އާދަމް - ގަވަރުނަރު، މޯލްޑިވްސް މަނިޓްރީ އޮތޯރިޓީ
ފަރީހާ ޝަރީފް - ޗެއާޕާސަން، ބެންކް އޮފް މޯލްޑިވްސް
މަރިޔަމް ޝަކީލާ - ޗީފް އެގްޒެކެޓިވް އޮފިސާ، ސިމްޑީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ޝީޒާ އިމާދު - ޗީފް އެގްޒެކެޓިވް އޮފިސާ، ޝީޒާ ސެލޫން
ޝާއިރާ ސަލީމް - މެނޭޖިން ޑިރެކްޓާ، ޝެރީ ޕްރައިވެޓް ލިމިޓެޑް
ސުއިޒާ އިބްރާހިމް - މެނޭޖިން ޑިރެކްޓާ، ސުއިސް ސެލޫން
ސަނާ މަންސޫރު - މެނޭޖިން ޕާޓްނާ، އެފް ޖޭއެސް އެސޯސިއޭޓްސް
ސާނިހާ އަލީ - މެނޭޖިން ޑިރެކްޓާ، ސެޒް އެކްސްޕްލޯސް ޕްރައިވެޓް ލިމިޓެޑް
އާމިނަތު ނަޝީދާ - ފައުންޑާ، ނަޝީސް ކޭކްސް
ގަމީރާ އާދަމް - އެމްޓަޕްރެނުއާ، ބ. އަންހެނުންފުށި
ޖުވޭރިއާ ވަޖްދީ - އެމްޓަޕްރެނުއާ، އޯނާ، ޖުވޭސް ކެފޭ އެންޑް ރެސްޓޯރަންޓްސް
ފާތިމަތު މަނިކެ - އިސްލާމިކް ބޭންކިން ޑިރެކްޓާ، ބެންކް އޮފް މޯލްޑިވްސް
އާސިމާ އަލީ - ޑިރެކްޓާ، ކޯ ލޯޑް މޯލްޑިވްސް
ނާދިޔާ ހުސައިން - ޗީފް ފައިނޭންޝިއަލް އޮފިސާ، ޝުއާޒް އިންވެސްޓްމެންޓް
ރަހީމާ އާދަމް - އެންޓަޕްރެނުއާ، އެޑްވޮކޭޓް ފޮ ވިމެންސް އެންޓަޕްރެނުއާޝިޕް
ރަހީމާ ސަލީމް - އޮޕަރޭޝަންސް ޑިރެކްޓާ، ހައުސިން ޑިވޮލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން

ރާއްޖޭގައި ތިބި ވިޔަފާރިވެރި އަންހެން ކަނބަލުންނާއި މާލީ ދާއިރާގައި ހިދުމަތްކުރާ މަތީ ލެވެލްގެ އަންހެން ކަނބަލުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރޭ ބޭޢްވި ހަފުލާގައި އެ ބޭފުޅުން ހޮވުމަށް ޑަބްލިއުއޯބީ އިން އެކުލަވާލި "ލީޑިން ވިމެން ސެލެކްޝަން ކޮމިޓީ"ގެ ޗެއާޕާސަން ޑރ. އާމާލް އަލީ ވިދާޅުވީ، އެ ޖަމިއްޔާއިން އެންމެ ފުރަތަމަ ބޭނުންވީ އިގްތިސޯދީ ދާއިރާގައި އުޅޭ ނަމޫނާ ފަންސާސް ކަނބަލުން ހޮވުމަށް ކަމަށެވެ. އެގޮތުގެ މަތިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ނުވަދިހަ އެއްހައި ފޯމް އެކި ފަރާތްތަކުން ހުށަހެޅި ކަމަށާއި، 16 ބޭފުޅުން ހޮވަން ޖެހިވަޑައިގެންނެވީ އެޕްލިކޭޝަން ފޯމުގައި ކަނޑައަޅާފައިވާ ބައެއް މިންގަނޑުތަކަށް ބައެއް ބޭފުޅުން ނުފެތުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފަ މިވަނީ ވީހާވެސް ގިނަ ބޭފުޅުން ލީޑިން ވިމެންގެ ގޮތުގައި ހޮވުމަށް. އެހެން ނަމަވެސް އެ ފަރާތްތަކުގެ ކިވބައިގައި ފުރިހަމަވާޏްޖެހޭ ބައެއް ކަންކަން އެބަ ހުރޭ. މިސާލަކަށް ވިޔަފާރިއެއް ހިންގަވާ ބޭފުޅެއްނަމަ އެ ބޭފުޅެއްގެ ވިޔަފާރި ހިންގާތާ މަދުވެގެން ފަސް އަހަރު ވާން އެބަ ޖެހޭ. އެ ބޭފުޅެއްގެ ވިޔަފާރިއަކީ 50 އަށްވުރެ މަދު ނޫން މުވައްޒަފުން ވަޒީފާ އަދާކުރާ، މުވައްޒަފުންނަށް ގަވާއިދުން މުސާރަ ދޭ ކުންފުންޏަކަށް ވާންޖެހޭ. އެބޭފުޅެއްގެ އަމިއްލަ މަސައްކަތުން އުފައްދާ ކުންފުންޏަކަށް އެބަ ވާންޖެހޭ. މިހެންގޮސް ފޯމުގައި އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކެއް ހިމެނިން. ފޯމް ހުށަހަޅާ ބޭފުޅުންނަށްވެސް ފެންނަ ގޮތަށް ޝަރުތުތައް ހުންނާނީ،" އާމާލް ވިދާޅުވި އެވެ.

އާމާލް ވިދާޅުވީ އެވޯޑް ހާސިލްކުރެއްވި ބޭފުޅުންނަކީ ރާއްޖޭގެ ހުރިހާ އަންހެނުންނަށް ހިތްވަރަކަށް ވާނެ ކަމަށެވެ. އެފަދަ ބޭފުޅުން މުޖުތަމައުގައި ކުރިއަށް ނެރެ ގަދަރު ދިނުމަކީ ކުރިއަށް އޮތްތަނުގައި، އެވޯޑް ހާސިލްކުރި ބޭފުޅުން ފަދަ ހުނަރުވެރި މަސައްކަތްތެރި ބަޔަކު އުފެދެން މެދުވެރިވާނެ ސަބަބެއް ކަމަށެވެ.