ހަބަރު

އިބްތިހާލް މަރައިލި މައްސަލަ ކޮމެޓީގައި އާދީއްތަ ދުވަހަށް އެޖެންޑާކޮށްފި

Jan 29, 2015

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަަނިޔާކޮށް މަރާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި އެޖެންޑާކޮށްފި އެވެ.

މައްސަލަ ބަލައި ދިރާސާ ކުރުން ކޮމެޓީގައި އެޖެންޑާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ. ކޮމެޓީގައި އެޖެންޑާކޮށްފައި ވަނީ އެކަން ހިނގާފައިވާ ގޮތް ބަލަން ތިން މެންބަރަކު ސޮއި ކުރައްވާ ހުށަހެޅުމުންނެވެ.

މި މައްސަލަ އެޖެންޑާކޮށްފައިވާއިރު އިބްތިހާލްގެ މަންމަ ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރުމުން އޭނާ ވަނީ ދަރިފުޅު މަރައިލި ކަމަށް އިއުތިރާފުވެފަ އެވެ. އާދީއްތަ ދުވަހު ކޮމެޓީގައި މި ކަން ބަލާއިރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިހުމާލް އޮތް ކަމަށް ފެންނާތީ އެކަން ބަލައި ތަހުގީގު ކުރުމުގެ އަމުރެއް ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ ނެރުއްވާފައެވެ.