ސިނަ މާލެ ބްރިޖް

ބްރިޖް އަޅަން 900 މީހުން ހަރަކާތްތެރިވާނެ: މިނިސްޓަރު

  • މިހާރު 400 މުވައްޒަފުން ހަރަކާތްތެރިވޭ
  • ބުރިޖް ހުޅުވުން 2018 އިގެ މިނިވަން ދުވަހަށް
  • މިހާރު ކަނޑުމަތިން ފެންނަނީ ވަގުތީ ޕްލެޓްފޯމެއް

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަށް 400 އަށްވުރެ ގިނަ މުވައްޒިފުން ސީސީސީސީ ކުންފުނިން ގެނެސްފައިވާ ކަމަށާއި އަދި ކުރިޔަށް އޮތްތާ އެ އަދަދު އިތުރުވެގެން ދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެއާ ހުޅުލެ ދެމެދުއަޅައި ބްރިޖާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތަށް މާލެއާ ހުޅުލެ އަދި ހުޅުމާލެއިން ބިމެއް އެ މަސައްކަތް ކުރާ ސީސީސީސީ ކުންފުންޏަށް ދީފައިވާ އިރު މިހާތަނަށް ގިނަ މުވައްޒިފުންތަކެއް ބްރިޖު އެޅުމުގެ މަސައްކަތަށް ރާއްޖެ އައިސްފައިވާ ކަމަށެވެ.

"މޯލްޑިވްސް ޗައިނާ ފްރެންޑް ޝިޕް ބްރިޖު އެޅުމަށް މިހާތަނަށް ގިނަ ލޭބަރުނާއި މެނޭޖްމަންޓް ސްޓާފް މިހާރު ރާއްޖެ އަތުވެއްޖެ. މިހާރުވެސް 440 މުވައްޒިފުން މަސައްކަތުގައި އުޅޭނެ. އަދި މި އަދަދުން 900 މީހުންނާއި ހަމަޔަށް އިތުރު ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ އަމަލީ މަސައްކަތާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތަލިބު ވިދާޅުވީ ބްރިޖުގެ މަސައްކަތުގެ ތައްޔާރީތައް ފަށައިގެން އައިއިރު ސީސީސީސީ ކުންފުނީ މުވައްޒިފުން ބޮޑަށް ފެނިގެން އައީ މާލެ އަޑިޕާކު ސަރަހައްދުގައި ކަމަށްވީ ނަމަވެސް މައިގަނޑު ވޯކިން ސައިޓް އަކަށްވާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މުވައްޒިފުންނަށް ދީފައިވާ ބިމުގައި ކަމަށެވެ. މީގެ އިތުރުން ސީސީސީސީ ކުންފުންޏާއި އެކުވެފައި ވާނީ ކޮމާޝިއަލް ކޮންޓްރެކްޓެއް ކަމަށާއި އެކުންފުނިން ވަނީ މީރާގައި ވެސް ރަޖިސްޓްރީ ކުރެވިފައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އެހެންކަމުން އެކުންފުނިން މުވައްޒިފުން ގެނައުމާއި ދިރިއުޅުމުގައި ކުރާ ހުރިހާ ހަރަދުތަކެއް ކުރާނީ ރާއްޖޭގެ ގާނޫނުގެ ތެރެއިން އެމީހުން އަމިއްލައަށް. ނަމަވެސް އެއްބަސް ވުމުގެ ދަށުން މިނިސްޓްރީ އިން ކޮށްދޭން ޖެހޭކަންތައް އަޅުގަނޑުމެންދާނީ ކުރަމުން،" މުއަތަލިބު ވިދާޅުވި އެވެ.

މާލެއާ ހުޅުލެ ދެމެދުއަޅައި ބްރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުވާލައި މުއިއްޒު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ވަގުތީ ޕްލެޓްފޯމް ގާއިމް ކުރުމަށް ޕައިޕްތައް ޑްރައިވް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މުޅިޔަކު 20 ޕައިޕް ކަނޑަށް ޑްރައިވް ކުރާއިރު މިހާރު ތިން ޕައިޕް ޑްރައވް ކޮށްފައިވާ ކަމަށެވެ. އަދި މިމަސައްކަތް ފެށުމުގައި ކުރިން ހުރި ބައެއް ދަތިތައް މިހާރު ހައްލުވެއްޖެ ކަމަށާއި މިއަދު ފެށިގެން އެ މަސައްކަތް އިތުރު ބާރުމިނެއްގައި ކުރިޔަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި މޭމަހުގެ ނިޔަލަށް ވަގުތީ ޕްލެޓްފޯމްގެ މަސައްކަތްތައް ނިމޭނެ އެވެ. އަދި މި ޕްލެޓްފޯމްތައް ބޭނުން ކުރެވޭނީ ބްރިޖުގެ ތަންބުތައް ޖެހުމުގެ މަސައްކަތް ކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާއާ ރާއްޖޭގެ އެކުވެރިކަން ދައްކުވައިދޭނެ މި ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޯގަސްޓަށް ނިންމާނެ ކަމަށް މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު ސީސީސީސީ ކުންފުނިން މަސައްކަތް ކުރަނީ އެ އަހަރުގެ މިނިވަން ދުވަހަށް ބްރިޖު ދިވެހި ރައްޔިތުންނާއި ހަވާލު ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބްރިޖުގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.