ރައީސް އަބްދުﷲ ޔާމީން

ޓެރަރިޒަމާ ދެކޮޅު ހަނގުރާމާގައި ރާއްޖެ ސާބިތުވެ އޮންނާނެ: ރައީސް

Mar 28, 2016

ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ސާބިތުކަންމަތީ އޮންނާނެ އެ މަސައްކަތުގައި ޕާކިސްތާނާއި، ބައިނަލްއަގުވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ ލާހޫރަށް ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފަށް ފޮނުއްވެވި ހަމްދަރުދީގެ މެސެޖެއްގަ އެވެ.

ރައީސް ޔާމީންގެ މެސެޖުގައި، އެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމަށާއި ޕާކިސްތާނުން އެ ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކާ ކުރާ މަސައްކަތުގައި ޕާކިސްތާނަށް އެއްބާރުލުން ދޭނެ ކަމަށާއި ޕާކިސްތާނުގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައި ވެ އެވެ.