ރައީސް އަބްދުﷲ ޔާމީން

ދޫވެހީގެ ފޮޓޯ ނެގި މައްސަލައެއް ޕޮލިހަށް

ގޮތް ނޭނގޭ ބަޔަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ފޮޓޯ އާއި ވީޑިއޯ ނެގި މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންނެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށަހެޅީ ރައީސް ޔާމީނަށް ލިބިވަޑައިގެންފާނެ ނުރައްކަލަކަށްޓަކައި ކަމަށެވެ.

މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި ބޮމެއް ގޮއްވާލައި ޓެރަރިސްޓް ހަމަލާއެއް ދިންކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވީ ދާދީ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ޓެރަރިސްޓް ހަމަލާއެއްް ދީފައިވާ ކަމަށެވެ.

އެހެންކަމުން ގޮތް ނޭނގޭ ބަޔަކު އެފަދަ ގޮތަކަށް ހަރަކާތްތެރި ވުމަކީ ރައީސް ޔާމީންގެ ނަފްސަށް އޮތް ބިރުވެރި ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔަކު ކުށްކުރުން ދުރާލާ ހުއްޓުވުމަށް އޮންނާތީ އާއި އެހެންކަމުން އެފަދަ ނުރައްކަލަކުން ރައީސް ޔާމީން ސަލާމަތް ކުރެއްވުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ފުލުހުންގެ ފަރާތުން ވެސް އެއްބާރުލުން ދެއްވި ކަމަށާއި މައްސަލަ ބަލައިދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.