ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ގެކޮޅު ކައިރީ ޕާކުކުރުން މަނާކޮށްފި

ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި ވެހިކަލް ޕާކްކުރުން މަނާކޮށްފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކުރީ ކަމާ ގުޅުންހުރި އިދާރާތަކުން އަންގައިގެން މާލެ ސިޓީ ކައުންސިލުންނެވެ.

ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދޫވެހި ވަށައިގެން ޕާކް ކުރުން މަނާކަން އަންގައިދޭ ގޮތަށް ބޮޑުތަކުރުފާނު މަގާއި ބްރެވިމަގުގައި ޓްރެފިކް ސައިންތައް ވެސް ކުރަހާފަ އެވެ.

މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ވިދާޅުވީ ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާ ކޮށްފައިވާނެ ކަމަށެވެ. އެކަން ކުރި ސީދާ ސަބަބެއް ނަރީޝް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ދޫވެހި ހުންނަ ސަރަހައްދަކީ ބައެއް ވަގުތުތަކުގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދަކަށް ވާތީ އެކަމުގައި ދިމާވާ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަމުންދާ ކަމަށެެވެ.

ރައީސް ޔާމީން ދިރިއުޅުއްވާ ދޫވެހި ވަށައިގެން ވެހިކަލް ޕާކް ކުރުން މަނާކޮށްފައިވާއިރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ވެސް އަމިއްލަ ގޭގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ ޖަލު ތަކުގައި ކޮވިޑް 19 ފެތުރެން ފެށުމުން ހައިރިސްކް ބޭފުޅަކަށް ވާތީ އެވެ.

ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކޮށް، އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެހިކަލް ތަކަށް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާ ކުރި މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ޖިނާއީ ކުށެއް ސާބިތު ނުވާނަމަ ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެނީ ސިފައިންނެވެ.

ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކޮށްފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބުނު ފަހުން އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގުގައި ވެހިކަލް ޕާކް ކުރުން މަނާކޮށްފައި ވަނިކޮށެވެ.

އެ ހަމަލާގެ ކުރިން ވެސް އެ މަގުން ވެހިކަލްތައް ނެގުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލަށް ހުށަހެޅި އެވެ. ނަމަވެސް ހަމަލާ ދީފައިވަނީ ސިޓީ ކައުންސިލުން އެ މަގު ހުސްކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގެ ހުއްދައަކަށް އެދިފައި ވަނިކޮށް މިނިސްޓްރީން ހުއްދަ ނުދީ އޮއްވަ އެވެ.

ރައީސް ޔާމީނާއި ރައީސް ނަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ވެހިކަލް ތަކަށް ޕާކް ނުކުރެވޭ ގޮތް ހެދި ނަމަވެސް ކުރީގެ ރައީސުން ކަމުގައިވާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވާ މއ. ޔުރީކާ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ކުރިމަތީގައި މިހާރު ވެސް ވެހިކަލް ޕާކް ކުރަމުންދެ އެވެ.