ހައެއް ފަހެއްގެ ހަމަލާ

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސް: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ ހައެއް، 2021 ވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާ ދިން މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ލަސް ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ފާއިޒް ވަނީ ޝަރީއަތް ލަސްވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

"(ޝަރީއަތް) އަދިވެސް އޮތީ ލަސްކޮށް. މިއީ ވަރަށް ސީރިއަސް ކަންބޮޑުވުމެއް،" އައްބާސް ވިދާޅުވި އެވެ.

ޝަރީއަތްތައް ލަސްވާތީ އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކޯޓަށް އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާރަށްވުރެ ރަނގަޅަށް ކަންކަން އިންތިޒާމުކޮށްފިނަމަ އަޑުއެހުންތައް ބާއްވަން ޖާގަ ލިބޭނެކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 14، 2021ގަ އެވެ.

މީގެ އިތުރުން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ވަނީ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށްވެސް ދައުވާ އުފުލާފައިވެ އެވެ.